ސައުތް އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ޗާޓަރުގެ އަސާސްތައް ނެގެހެއްޓުމަށް އައު ބާރެއްލައިގެން މަސައްކަތްކުރުމަށް ސާކް ގައުމުތަކުގެ ވެރިންގެ ކިބައިން ރައީސް ޑރ. މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މިގޮތަށް އެދިވަޑައިގަތީ މިއަދު ފާހަގަކުރާ "ސާކް ޗާޓަރު ޑޭ"ގެ މުނާސަބަތުގައި ފޮނުއްވި ތަޙްނިޔާގެ މެސެޖެއްގައެވެ.
"ސާކް ޗާޓަރު ޑޭ"ގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް ފާހަގަ ކުރަނީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.
މި ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މި މެސެޖުގައި، ދެކުނު އޭޝިއާގެ ސަރަޙައްދީ ގުޅުންތަކާގުޅޭ ހަމަތަކާއި އުސޫލުތައް އަދި ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަމަސަލަސްކަން ކުރިއެރުވުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ވަނީ ފާހަގަ ކުރައްވާފައެވެ.
ސަރަޙައްދީ ގޮންޖެހުންތަކާ ކުރިމަތިލައި، އެއް އަމާޒަކަށް ދަތުރުކުރުމުގައި ސާކްގެ މުހިންމު ދައުރު ފާހަގަކުރައްވައި ރައީސް ވަނީ، ދެކުނު އޭޝިއާ ސަރަޙައްދުގައި ވިލުންތެރިކަން އިތުރުކުރުމަށް ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ސާކް ޗާޓަރުގެ އަސާސްތައް ނެގެހެއްޓުމަށް އައު ބާރެއްލައިގެން މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.
މި މެސުގައި ރައީސް މުޢިއްޒު ވަނީ، ސާކް އަށް 39 އަހަރު ފުރުމުގެ މުނާސަބަތުގައި، ސާކްގެ ސެކްރެޓަރީ ޖެނެރަލަށާއި، ސާކްގެ ސެކްރެޓޭރިއެޓަށާއި ސާކްއާ ގުޅިފައިވާ ހުރިހާ މުއައްޞަސާތަކަށާއި ސާކްގެ މެންބަރު ޤައުމުތަކުގެ ރައްޔިތުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ އަރިސްކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!