ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ބޮޑު ނަތީޖާއަކާއެކު އެ އިންތިޚާބުގެ ސުޕާ މެޖޯރިޓީ ހޯދޭނެ ކަމަށް އެ އިއްތިހާދުގެ ލީޑަރު، ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ޕީއެންސީން އަމިއްލަ ވަކި އޮފީހެއް ރަސްމީކޮށް ހުޅުވަން ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި އޮފީސް ހުޅުއްވައި ދެއްވުމަށްފަހު ރައީސް މުޢިއްޒު ވަނީ ޖާގަ ތަނަވަސް އޮފީހެއް އެ ޕާޓީއަށް ހަމަޖެހިގެން ދިޔުމަކީ ޕާޓީގެ މަސައްކަތް ފުޅާކުރުމަށް މަގުފަހިވެގެންދާނެ އަދި ޕާޓީގެ މަސައްކަތްތަކަށް ކުރިއެރުން ލިބިގެންދާނެ ކަމެއްކަން ފާހަގަ ކުރައްވާފައެވެ.

ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ ލީޑަރަކަށް ރައީސް މުޢިއްޒު

ރޭގެ ޖަލްސާއަކީ ސަރުކާރުގެ މަސައްްކަތްތައް ފަށައިގަތުމަށްފަހު އެ އިއްތިހާދަށް ޖަލްސާއެއް ބޭއްވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، ''އިރާދަކުރެއްވިއްޔާ މިއީ މުހިއްމު ފެށުމެއް'' ކަމަށެވެ.

''މިރޭ މި ހަފްލާއަށްފަހު އޮންނަ ޖޮއިން ސެނެޓް ބައްދަލުވުމާއެކީގައި ކުރިއަަށް އޮތް އިންތިޚާބުތަކަށް ދެ ޕާޓީ ގުޅިގެން ކުރެވޭ މަސައްކަތްތައް މުޅިރާއްޖޭގެ ކަންކޮޅުތަކުގައި ރުކުރަވާލެވިގެން ޤައުމީ ޖޯޝްގައި ޤައުމީ ވިސްނުމުގައި އަޅުގަނޑުމެން އެކުއެކީގައި ކުރިއަށްދާނީ، އޭގެ ނަތީޖާއަކަށް ވާނީ ކުރިއަށް އޮތް އިންތިޚާބުގައި ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ބޮޑު ނަތީޖާއަކުން މަޖިލީހުގެ އިންތިޚާބު ސުޕަމެޖޯރިޓީއާއެކު ކާމިޔާބު ކުރުން'' ރައީސް ވިދާޅުވިއެވެ.

ރައީސް ރޭ ވިދާޅުވީ އެ ނަތީޖާއާއި ހަމައަށް ދިޔުމަށް ގޮންޖެހުންތައް އެބަހުރިކަމަށާއި، ގޮންޖެހުންތައް ހުންނާނެ ވެސް ކަމަށެވެ. ނަމަވެސް ގޮންޖެހުންތައް ވާންވީ ކުރިއެރުމަށް ލިބޭ ހިތްވަރަކަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރޭ ހުޅުވި ޕީއެންސީގެ އާ އޮޮފީސް ހުޅުވީ ހ. ސީޓްރެކްގެ ހަތްވަނަ ފަންގިފިލާގަ އެވެ.

ޕީއެންސީގެ އޮފީސް ކުރިން ހިންގަމުން އައީ ޕީޕީއެމް އޮފީހާއެކުގައި އެއް އިމާރާތެއްގައެވެ.