ހދ. ކުޅުދުއްފުށި ހިމެނޭހެން ހަ ރަށެއްގައި ބައިނަލްއަގުވާމީ ފެންވަރުގެ އިންޑޯ ބެޑްމިންޓަން ހޯލް ގާއިމު ކޮށްދޭނެ ފަރާތްތައް ހޯދުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން އިއުލާންކޮށްފިއެވެ.

ހދ. ކުޅުދުއްފުށީގެ އިތުރުން ދެން އިތުރަށް އިއުލާންގައިވާ ފަސް ރަށަކީ، ލ. ގަން، ދ. ކުޑަހުވަދޫ، ޅ. ނައިފަރު އަދި ގދ. ތިނަދޫ އަދި ފުވައްމުލައް ސިޓީއެވެ.

Ad
rt

މި ހަރަށުގައި އިންޑޯ ބެޑްމިންޓަން ހޯލް ގާއިމުކޮށްދޭނެ ފަރާތްތައް ހޯދުމަށް އިއުލާންކުރުމާއި ގުޅިގެން ކުޅިވަރާބެހޭ ވަޒީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ބެޑްމިންޓަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތެއް ކަމަށެވެ.

އެގޮތުން މި ރަށްތަކުގައި ވެސް އެޅިގެންދާނީ އައްޑޫ ސިޓީގައި ދާދިފަހުން ގާއިމް ކުރެވުނު ބައިނަލްއަގުވާމީ ފެންވަރުގެ ބެޑްމިންޓަން ހޯލާއި އެއްފެންވަރުގެ ބެޑްމިންޓަން ހޯލުތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ގާއިމް ކުރެވުނު ބެޑްމިންޓަން ކޮމްޕްލެކްސްގައި މިއަހަރު ވަނީ 21 އަހަރުން ދަށުގެ ސައުތު އޭޝިއާ ރީޖަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕް ބާއްވާފައެވެ.

އައްޑޫގައި އަލަށް ގާއިމުކުރި ބެޑްމިންޓަން ކޮމްޕްލެކްސްގެ މަޝްރޫއަކީ ހަ މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ ކޮމްޕްލެކްސްގައި ހަތަރު ބެޑްމިންޓަން ކޯޓު އެކުލެވޭ ގޮތަށް ބެޑްމިންޓަން ހޯލަކާއި ބައިނަލްއަގުވާމީ މުބާރާތްތައް ކުޅެވޭ ގޮތަށް ދެ ފަންގިފިލާގެ އިމާރާތެއް ވަނީ އަޅާފައެވެ.