ށ. ނަރުދޫ ސްކޫލްގައި މި ސަރުކާރުން އިމާރާތްކުރި ތިން ބުރީގެ ޢިމާރާތް ނިމި، ބޭނުންކުރަން ފަށައިފިއެވެ.

އެ އިމާރާތުގައި ކިޔަވައިދޭން ފަށާފައިވާއިރު، މިއަދުން ފެށިގެން އެ ސްކޫލްގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށް ކަމަށް އެ ސްކޫލުން މައުލޫމާތު ދެއްވައެވެ.

Ad
rt

އެ ސްކޫލު ހިންގެވުމާ ހަވާލުވެހުންނެވި ހަސަން ސުޖާއު 'ތިލަދުން' އަށް ވިދާޅުވީ މި އިމާރާތް ރަސްމީކޮށް ހުޅުވައިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެރަށަށް ވަޑައިގެން ދަތުރުފުޅުގައި ކަމަށެވެ. އެހެންނަމަވެސް ކިޔަވައިދޭން ނުފެށި ހުރީ، ބައެއް ކަހަލަ ކަންކަން ފުރިހަމަ ކުރުމަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.

ސުޖާއު ވިދާޅުވީ ކުރިިން ދެ ދަންފަޅިއަށް ކިޔަވައިދޭތީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަދި ސްޓާފުންނަށް ވެސް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ނަމަވެސް އެއް ދަންފަޅިއަށް ކިޔަވައިދޭން ފެށުމުން އެކަމަަށް ހައްލު ލިބޭނެ ކަމަށެވެ.

ނަރުދޫ ސްކޫލްގައި އަލަށް އެޅި އިމާރާތް، ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

އޭނާ ވިދާޅުވީ ދެ ދަންފަޅިއަށް ކިޔަވައިދިންއިރު، ޖާގައިގެ ދަތިކަން ވެސް އިންތިހާއަށް ހުރި ކަމަށާއި އެހެންވެ، ދަރިވަރުންނަށް އިތުރުހަރަކާތްތައް ހިންގުންފަދަ ކަންކަމަށް ދަތިތަކެއް ހުރިކަމަށެވެ.
އެހެންނަމަވެސް އައު ޢިމާރާތުގައި 6 ކްލާސްރޫމާއި ސްޓާފްރޫމަކާއި ކޮމްޕިއުޓަރ ލެބް އަދި ހެލްތް ރޫމެއް ހުރުމުން ވަރަށް ގިނަ ފަސޭހަތައް ލިބޭނެކަން ފާހަގަކުރައްވާ ވިދާޅުވީ ދަރިވަރުންގެ ފެންވަރު މިހާރަށްވުރެ މަތިކުރުމަށް އިތުރު ހަރަކާތްތައް ވެސް ހިންގަން ފަސޭހަވާނެ ކަމަަށެވެ.

ނަރުދޫ ސްކޫލުގައި 147 ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނައިރު، ގްރޭޑް 1 ން ފެށިގެން 10 އާ ހަަމައަށް ކްލާސްތައް އޮވެއެވެ.

ނަރުދޫ ސްކޫލުގައި ސަރުކާރުް ގާއުމުކުރެއްވި މި ސްކޫލަށް 9.2 މިލިއަން ރުފިޔާ ހަަރަދުކުރައްވާފައިވާއިރު، މި މަޝްރުއު ކުރިއަށް ގެންދިޔައީ ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ.