މާލެއިން އުތުރުގައި މިސަރުކާރުން އެންމެ ފުރަތަމަ ފަށާ އާރްޓީއެލް ބަހުގެ ޚިދުމަތް މާދަމާ ހއ. ދިއްދޫއިން ފެށިގެންދާނެ ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.
އޭނާގެ ފޭސްބުކް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ މިއާއެކު މިހާރު ބަސް ދަތުރުތައްކުރާ ރޫޓްތައް ފައިނަލް ކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން މިބަހުގެ ޚިދުމަތާއެކު ދިއްދޫގެ ރައްޔިތުންނާއި ވަކިން ހާއްސަކޮށް ސުކޫލްގެ ދަރިވަރުންނަށް ބޮޑުތަނުން ލުއިފަސޭހަ ވެގެންދާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
މެމްބަރު ވަހީދު އިތުރަށް ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅުވާލުމަކީ އެމްޑީޕީގެ ތަސައްވުރެއް ކަމަށާއި ރައީސް ޞާލިޙްގެ ސަރުކާރުން ކުރިއަށް ގެންދާ ފެރީގެ ނިޒާމާއި ބަހުގެ ހިދުމަތުގެ މަޝްރޫއަކީ އަތޮޅުތަކުގެ ތަރައްގީއަށް ސަރުކާރަކުން ހިންގާ އެންމެ މުހިންމު ބޭނުންތެރި އެއް މަޝްރޫއު ޖީބަށް ލުއި، ފަހި ބަދަލު ކަމަށެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ އެ ރަށުގައި ބަހުގެ ހިދުމަތް ފެށުމަށް ބޭނުންވާ ވަޒީފާތަކަށް މީހުން ވެސް ހޯދާފައެވެ. އެގޮތުން ހަ ބަސް ޑްރައިވަރުންނާއި ދެ މޭކޭނިކުން ހޯދާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިއީ މާލެ ސިޓީ އާއި އައްޑޫ، ފުވައްމުލަކު ސިޓީގެ އިތުރުން އާރުޓީއެލްގެ ބަހުގެ ހިދުމަތް ދޭން ފަށާނެ ފުރަތަމަ ރަށެވެ.
ދިއްދޫގައި ހުޅުވާލި ފުރުސަތުގެ ދަށުން މެކޭނިކުންނަށް 14،000ރ. ގެ އުޖޫރައެއް ލިބޭއިރު، ބަސް ޑްރައިވަރުންނަށް 12،000ރ. ގެ އުޖޫރައެއް ލިބޭނެއެވެ. މުސާރައިގެ އިތުރުން ބީއޯ ލައިސެންސް އޮތްނަމަ ޑްރައިވަރުންނަށް އިތުރުން 2،500ރ. ލިބޭނެއެވެ.
މީގެ އިތުރުން އިތުރު ގަޑީގެ ފައިސާ އާއި މެޑިކަލް އިންޝުއަރެންސް ވެސް ލިބިގެންދާނެއެވެ.
އެމްޓީސީސީގެ ވަޒީފާތަކާ ގުޅޭ ފަރާތްތަކަށް އެ ކުންފުނިން ހާއްސަ ޓްރެއިނިން ވެސް ފޯރުކޮށްދެއެވެ. އެގޮތުން، މިހާތަނަށް ގިނަ އަދަދެއްގެ ބަސް ޑްރައިވަރުން އެ ކުންފުނިން ވަނީ ތަމްރީނުކޮށްފައެވެ.
ދިއްދޫގައި ބަހުގެ ހިދުމަތް ފަށަން ތައްޔާރުވަމުން އަންނައިރު އެ ރަށުގައި އާރުޓީއެލް ސްޕީޑް ފެރީގެ ހިދުމަތް ވެސް އަންނަނީ ދެމުންނެވެ.
Ad
Ad
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!