ތ. ރުއްތިބިރަށުގައި ރިސޯޓު ތަރައްގީ ކުރާނެ ބަޔަކު ހޯދަން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ އެ މިނިސްޓްރީން ވަނީ މިދިޔަ މަހު ރިސޯޓު ހަދަން އިއުލާން ކުރި ރަށަތަކުގެ ތެރެއަށް ރިއްތިބިރަށް އިތުރުކޮށްފައެވެ. ކުރިން ހިމެނޭ ދެ ރަށަކީ ހއ. މެދުފުއްޓާއި ށ. ނަލަންދޫއެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ރުއްތިބިރަށުގައި ރިސޯޓް ހަދަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ 10:00ގެ ކުރިން މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. މި ބީލަމާ ގުޅޭ މައުލޫމާތު ބޭނުންވާ ނަމަ، މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 1:00ގެ ކުރިން planning@tourism.gov.mv އަށް އީމެއިލް ކުރަންވެސް ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ރަށުގައި ތަރައްގީ ކުރާނީ މަދުވެގެން 100 އެނދުގެ ރިސޯޓެކެވެ. އެ ރަށުގެ ލޭންޑު އިކުއިޒިޝަން ކޮސްޓަކީ 875،000 ޑޮލަރު (13.5 މިލިއަން ރުފިޔާ) ކަމަށް ވެސް ވަނީ ބުނެފައެވެ.
މި ރިސޯޓް ތަރައްގީ ކުރުމަށް ހުށަހަޅާ ފަރާތްތަކުން މާލީ ގާބިލުކުރަން ސާބިތުކޮށްދިނުމަށް ދެ މިލިއަން ޑޮލަރު ހުރިކަން ސާބިތު ކޮށްދޭން ޖެހޭނެއެވެ.
ޓޫރިޒަމް މިނިސްޓްރީން މި ރަށްވެސް ކުއްޔަށް ދެނީ، އާންމު އުސޫލުން 50 އަހަރަށެވެ. އަދި އެ ރަށްތައް ހަވާލުކުރާތާ 36 މަސް ދުވަސް ތެރޭގައި ރިސޯޓު ހަދައި ނިންމަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!