ހދ. ހިރިމަރަދޫއަށް މުދާ ހިފައިގެން ދަތުރުކުރި ދޯންޏެއް އެރަށު ނެރުމައްޗަށް އަރައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މިއީ މާލެއިން ފުރައިގެން ހދ. ހިރިމަރަދޫއަށް މުދާ ހިފައިގެން ދަތުރުކުރި "ހޮރިޒިއާ3" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އަދި އެ ދޯނި ހިރިމަރަދޫ ނެރުގެ ކަނާތު ފައިކަށްޓަށް އުރި ދިޔަވާން ފެށުމުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފފައިވާ ކަމަށެވެ.
ހިރިމަރަދޫ އިން ވާހަކަ ދެއްކި މީހަކު ބުނީ އެ ދޯނި އެރަށުގެ ނެރުމައްޗަށް އަރާފައިވަނީ މިއަދު ހެނދުނު ކަމަށާއި އެއީ ހިލައާއި ހިލަވެލި ބަރުކޮށްގެން އައި ދޯންޏެއް ކަމަށެވެ. އަދި
މި ހާދިސާގައި އެ ދޯނީގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަން މިހައިތަނަށް އެނގިފައި ނުވާ ކަމަށާއި ނެރު މައްޗަށް ދޯނި އުރުމާއެކު ދޯނީގައި ހުރި ހަރު މުދާތައް ނެރު މައްޗަށް ބާލާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އެހެންނަމަވެސް އޭގެތެރެއިން ބައެއް ތަކެތި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ވެސް ބުންޏެވެ.
މިކަމާއި ގުޅިގެން އެރަށު ކައުންސިލުން ވިދާޅުވީ ނެރުމައްޗަށް ދޯނި އުރެން މެދުވެރި ސަބަބަކީ އެ ރަށުގެ ނެރު މިހާރު ވަރަށް ބޮޑަށް ތިލަވެފައިވުން ކަމަށެވެ. އަދި އެކަން ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކަށް އަންގާފައިވާނެ ކަަމަށް ވެސް އެ ކައުންސިލުން ވިދާޅުވިއެވެ.
މީގެ އިތުރުން އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖަންސީ (އީޕީއޭ) އާ ހިއްސާ ކުރައްވާފައިވާނެ ކަމަށާއި އެކަމަކު އެ ފަރާތުން ވެސް އެކަމަށް މިހައިތަނަށް އިޖާބައެއް ދެއްވާފައި ނުވާކަން ކައުންސިލުން ވަނީ ހިތާމައާއެކު ފާހަގަ ކުރައްވާފައެވެ.
98 ފޫޓްގެ މި ދޯނި ނެރުމަައްޗަށް އުރުމުގެ ސަބަބުން ދޯނީގެ ބަނޑުފިލައިން ބައެއް ފަޅައިގެން ގޮސްފައިވާ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!