ޝަރުތު ފުރިހަމަވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ނުވަތަ އެޕާޓްމަންޓެއް ކަށަވަރު ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޭނާ މިހން ވިދާޅުވީ މެނިފެސްޓޯ ހާމަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

Ad
rt

އެ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ އަލަށް ގެދޮރު އިމާރާތްކުރާ ހުރިހާ ފަރާތްތަކަށް، ފަސޭހައިން ދައްކާ ޚަލާސްކުރެވޭނެ ގޮތަށް، 5 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި، ގެދޮރުވެރިކަމުގެ ބޭންކް ލޯނު ލިބޭނެ އިންތިޒާމު ވެސް ފަހިކޮށްދެއްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއްކަން ފުރިހަމައަށް ބަލައިގަނެ، އެކަން ކަށަވަރުކުރަން ގާނޫނުތައް އެކުލަވާލުމާއި ސިޔާސަތުތައް ރާވާ، ތަންފީޒުކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން މާލޭ އާރބަން ރީޖަންގެ އިތުރުން، މަތީ ފަންތީގެ ހިދުމަތްލިބޭ ސަރަހައްދެއް ގޮތުގައި އަތޮޅުތަކެއް ކަނޑައަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން ހއ، ހދ، އަދި ށ. އަތޮޅު ހިމެނޭ އުތުރުގެ ތަރައްގީގެ ޒޯނުގައި، އިދާރީ މައި ހަބުގެ ގޮތުގައި ހދ. ކުޅުދުއްފުށި ހިމަނާނެ ކަމަށް ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ ދޮރާއްޓެއްގެ ގޮތުގައި ހަނިމާދޫ ގާއިމުކޮށް، އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމުކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.