ކޭ ޕާކް ފްލެޓްތަކުގެ މައްސަލާަގައި މަކަރާއި ހީލަތް ހެދި ކަމަށް ތުހުމަތު ކުރެވޭ ހަސަން މަމްދޫހް (މަންޑޭ) ގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހުޅުމާލޭގައި ކޭ ޕާކް ފްލެޓްތައް ތަރަައްގީ ކުރަމުންދާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓީ އެ ކުންފުންޏަށް ނޭނގި އޭނާ ގިނަ އަދަދެއްގެ ފްލެޓް ވިއްކި ކަމަށް ތުހުމަތުކޮށް އެ ކުންފުނީގެ މައި ހިއްސާދާރު ފުލުހުންނަށް މައްސަލަ ހުށަހެޅުމުންނެވެ.
މިދިޔަ މަހު ކްރިމިނަލް ކޯޓުން ނިންމީ މަންޑޭގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށެވެ. އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ މަންޑޭގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުނީ އޭނާގެ އާއިލީ ޒިންމާއަކާ ގުޅިގެން ކަމަށް ވިޔަސް އެކަންކުރީ ގާނޫނާ އެއްގޮތަށް ނޫން ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ނެރުނު މަޖިލީހުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުންނަށް ދީފައި ނުވަނީ ގާނޫނާ ހިލާފަށެވެ. އަދި މިފަދަ ކޯޓު އަމުރުތަކާ ގުޅޭ ކަންކަމުގައި އެ ފުރުސަތު ޕީޖީއަށް ލިބިގެންވާ ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ މަންޑޭގެ ޕާސްޕޯޓް ދޫކޮށްލި އަމުރު ބާތިލް ކުރުމަށެވެ.
ޕާސްޕޯޓް ދޫކޮށްލުމުން މަންޑޭ ކުރިން ހައްޔަރު ވެސް ކުރި އެވެ. އަދި ދެފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހު ހުޅުމާލޭ ކޯޓުން ދާދިފަހުން ވަނީ ޝަރުތުތަކާ އެކު ދޫކޮށްލައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!