ހއ. ފިއްލަދޫ އާއި އެ އަތޮޅު ބާރަށުގައި ސަރުކާރުން ހިންގި ބައެއް މަޝްރޫއުތައްް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިފްތިތާހުކޮށްދެއްވައިފިއެވެ.
އެގޮތުން އެ މަނިކުފާނު ވަނީ ފިއްލަދުއަށް ވަޑައިގެން އެރަށުގައި ފެނާއި ނަރުދަމާނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައި އެރަށު ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރިބައި ރަސްމީކޮށް ހުޅުވައިދެއްވާފައެވެ. އަދި ބާރަށު ފުޓްސަލް ދަނޑު ވެސް ރަސްމީގޮތުން ހުޅުވައިދެއްވިއެވެ.
ފިއްލަދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް، ސާސް.އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކޮށްފައިވާއިރު، އެރަށު ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތް ކޮށްފައި ވަނީ ޕާރފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
މި އިމާރާތުގައި ޕަބްލިކް ހެލްތު ޔުނިޓަކާއި އިދާރީ އޮފީސް، ގަރާޖު އަދި ލޯންޑްރީ ހިމެނެއެވެ.
ބާރަށު ފުޓްސަލް ދަނޑަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ދަނޑެކެވެ.
އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކޮށް ހިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ރަށްރަށުގައި ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގައި ނިމިފައިވާއިރު، ރައީސް ސާލިހު އަތޮޅުތެރެއަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ހިދުމަތްތައް ދަނީ އިފްތިތާހު ކޮށްދެއްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!