މާލެ ސަރަހައްދުގައި މިދުވަސްވަރު ފެތުރެމުންދަނީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެ އިދާރާއިން ވިދާޅުވީ މިވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއަކީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްއެއް ކަމަށެވެ. ވަކިން ހާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން މި ރޯގާ ފެތުރޭނެ ކަމަށެވެ.
މި ރޯގާ އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް ވީހާ ވެސް ގިނައިން ކުރުމަށް އެޗްޕީއޭ އިން ވަނީ އެދިލައްވާފައެވެ. އެގޮތުން ގިނަ ގިނައިން އަތް ދޮވުމަށް ވަނީ އެދިލައްވާފައެވެ. އަދި ހަމައެކަނި ހޭންޑް ސެނިޓައިޒާ ބޭނުންކުރުމުން ނޯރޯވައިރަސް އިން ރައްކާތެރި ނުކޮށްދޭ ކަމަށާއި އެހެންވެ، އެންމެރަނގަޅު ގޮތަކީ ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން ކަމަށްވާތީ، އެކަމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެޗްޕީއޭ އިން ވަނީ ހޮޑު ނުވަތަ ބޮޑުކަމުދާ ތަކެތި އެޅިފައިވާ ތަންތަން ސާފުކުރާއިރު ސަމާލުވުމަށާއި ޓިޝޫ/ޕޭޕަރ ޓަވަލް އިން ސާފުކޮށް، ރައްކާތެރިގޮތުގައި އުކާލުމަށްފަހު، ބްލީޗް އަޅާފައި 5 މިނެޓް ބެހެއްޓުމަށާއި އެއަށްފަހު ބްލީޗް ސާފުކުރުމަށްފަހު ސައިބޯނި ނުވަތަ ދޮންނަ ސޮލިއުޝަން ލައިގެން ސާފުކުރުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، ބަލީގެ އަލާމާތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިނުވުމަށާއި މީހުން ގިނަ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސް ކުރައްވާފައި ވެއެވެ.
މާލެ ސަރަހައްދުގައި ޖުލައި 27 ވަނަ ދުވަހުގެ ރޭގެ ދަންވަރުން ފެށިގެން ހޮޑުލުމާއި ބޭރަށް ހިންގުމުގެ ކޭސްތައް ވަނީ އިތުރުވެފައެވެ. އަދި ހޮސްޕިޓަލުތަކުން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެ، އެތަންތަނަށް ވަނީ ބާރުބޮޑުވެފައެވެ.
އެޗްޕީއޭ އިން ވިދާޅުވެފައިވަނީ ފެތުރެމުން އަންނަނީ އެކިއުޓް ގޭސްޓްރޯއެންޓްރައިޓިސް ކަމަށާއި މި ރޯގާގެ ކޭސްތައް ރިޕޯޓް ކުރަމުން އަންނަތާ ގާތްގަޑަކަށް ދެ ހަފުތާވަރު ވެދާނެ ކަމަށެވެ. މި ރޯގާ އަކީ އާންމުގޮތެއްގައި ޗުއްޓީ ދުވަސްވަރާއި ދިމާކޮށް ފެތުރޭ ރޯގާއެއްނަމަވެސް ކުއްލިއަކަށް މި ފެތުރެން ދިމާވީ ވައިރަހެއްގެ ސަބަބުން ކަމަށް އެޗްޕީއޭ އިން ކުރިން ވެސް ވަނީ ވިދާޅުވެފައެވެ.
އެޗްޕީއޭ އިން ވަނީ ބޭރަށް ހިންގުމާއި ހޮޑުލެވުމުގެ އަލާމާތް ހުރި ނަމަ ގެއިން ބޭރަށް ނުނިކުތުމަށާއި ގިނަ ގިނައިން ދިޔާތަކެތި ބޭނުން ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި އާންމު ސާފުތާހިރުކަމަށް އިސްކަން ދިނުމަށާއި މީހުން އެއްވާތަންތަނަށް ނުދިއުމަށް ވެސް އިލްތިމާސް ކުރައްވާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!