ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހއ. ކެލައަަށް ނިސްބަތްވާ މީހަކު ނިޔާވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ނިޔާވެފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހއ. ކެލާ، ސީސާންގެ އަލީ ގާސިމް ކަމަށެވެ. އަދި އެއީ އުމުރުން 81 އަހަރުގެ މީހެއް ކަމަށެވެ.
އޭނާ ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި މަދީނާގައި ހުންނަ ހޮޓަލުގައި ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
މިއާއެކު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން މިހައިތަނަށް 4 މީހަކު ވަނީ ނިޔާވެފައެވެ. އެގޮތުން ނ. ހޮޅުދޫ، އުދަރެސް ގާސިމް އިބްރާހީމް ނިޔާވެފައިވަނީ ޖުލައި 2 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ކުއްލިގޮތަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 70 އަހަރުގެ ގާސިމް ނިޔާވީ އޭނާ ހުންނަ ހޮޓަލުގައެވެ. ގާސިމް ހައްޖަށް ގޮސްފައި ވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.
މީގެ އިތުރުން އުމުރުން 72 އަހަރުގެ ދ. މާއެނބޫދޫ، ފިޔާތޮށިގެ، އަލީ ހަސަން ނިޔާވީ މައްކާގެ ސައޫދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ޖުލައި 1 ވީ ހުކުރު ދުވަހު ރާއްޖެ ގަޑިން އިރުއޮއްސި 18:17 ގައެވެ. ހަސަން ވަޅުލާފައި ވަނީ ހޮނިހިރު ދުވަހުގެ އަސްރު ނަމާދަށް ފަހު މަސްޖިދުލްހަރަމްގައެވެ.
މީގެ އިތުރުން ވެސް ގެއްލިގެން ހޯދަމުން ދާތާ ހަތަރު ދުވަސްފަހުން ރ. މާކުރަތު، މަލަ، މުހައްމަދު ނަސީމް އަލީ ވަނީ ނިޔާވެފައި އޮއްވާ ފެނިފައެވެ. އުމުރުން 72 އަހަރުގެ ނަސީމަކީ އަލްހަރަމައިން ހައްޖު ގުރޫޕުގެ ފަރާތުން ހައްޖަށް ދިޔަ މީހެކެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނީ ހިރާ ފަރުބަދައާ ދިމާލުންނެވެ. ނަސީމްގެ ހަށިގަނޑު ވަޅުލާފައި ވަނީ ރޭގެ ފަތިސް ނަމާދަށް ފަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!