" އަހަރެން މި އާއިލާއަށް އެހީވެދޭން ބުނީ މިކަމަކަށް އެދިއެއް ނޫނޭ! އެއީ އަހަރެން އިންސާނިއްޔަތަށް ކޮށްދޭ ކަމެއް! އަހަރެން ދެކެ ރުޅި ނާންނައްޗޭ ޔަޝްމީ! އަހަންނަށް އެނގެޔޭ ޔަޝްމީއާ އަހަރެންގެ އުމުރު ވަރަށް ވަރަށް ތަފާތުކަން! އެކަމަކުވެސް އަހަރެންގެ ހިތަކަށް ބާރެއް ނުފޯރުވުނު.."
ހާރޫންގެ ވާހަކަ އެހިސާބަށް ދިޔުމާއިއެކު ޔަޝްމީ ފަހަތަށް ޖެހެމުން ގޮސް ބޭރަށް ދުއްވައިގަތެވެ. ހާރޫނަށް ހުރެވުނީ ކަންބޮޑުވެފައި އެދިމާލަށް ބަލާށެވެ. ލޯމަތިން ޔަޝްމީ ގެއްލުމާއިއެކު އޭނާވެސް އަވަސް އަވަހަށް ބޭރަށް ނިކުތެވެ. ވަގުތަކީ ޝަހާނާ ބޭރުން އައިސް ވަތް ވަގުތެވެ. ހާރޫންގެ މޫނުމަތީގައިވާ ނުތަނަވަސްކަންފެނި، ޝަހާނާގެ މޫނުމައްޗަށްވެސް ނުތަނަވަސްކަން ވެރިވިއެވެ. ހާރޫންއަށް ޝަހާނާ ފެނުމުންވެސް އޭނާއަކަށް ހިނިތުންވާން އުނދަގޫވިއެވެ. އެހެންކަމުން ހިންދިރުވާލުމަށްފަހު ހާރޫން ހިނގައިގަތީ ގެއަށް ވަންނާށެވެ. ހުއްޓުން އަރާފައި ހުރި ޝަހާނާއަށް އެއްބުމަ ހިއްލައިލެވުނީ އެއްމިޔަކަނުން ހިނިތުންވެލަމުންނެވެ. ހާރޫން ގޮސް ގެއަށް ވަންނަން ދެން އޭނާއަށް ހުރި ފިޔަވަޅުމަތީގައި ހުރެވުނެވެ.
" ހަމަ ޔަޤީން ކޮންމެވެސް ކަމެއް ވެއްޖެ! މިދެމީހުންގެ ދެމެދުގައި ހާދަ ސިއްރު ކަންތައްތަކެއް އެބަ ހިނގަޔޭ! ޔަޝްމީވެސް މިހާރު އުޅެނީ އަހަންނަށް ފިލައިގެންހެން ހީވަނީ! އަބަދު ކޮޓަރީގައި އޮންނަނީ.. ދާންވެއްޖެ އަހަން.. ނުހުރެވޭނެ ނާހައެއް! އަހަރެން ބޭނުންވާ ވަރަށްވުރެ މާ ލަހުން ވިއްޔަ ކަންތައްތައް މިދަނީ.."
ގުންފައި ޖަހާފައި ޝަހާނާވެސް ގެއާއި ދިމާލަށް ހިނގައިގަތެވެ. ޔަޝްމީގެ ފައިވާން ފެނުމުން އޭނާ ކޮޓަރީގައި އުޅޭކަން ޝަހާނާއަށް އެނގުނެވެ. ކޮޓަރީގެ ތަޅުގައި ހިފާލުމަށްފަހު އޭނާ ޔަޝްމީއަށް ގޮވަންފެށީ ތަޅުލައިފައި ހުރުމުންނެވެ. ދެފަހަރަކު ގޮވައިލުމާއެކު ޔަޝްމީ އައިސް ދޮރު ހުޅުވާލިއެވެ. ޔަޝްމީގެ މޫނު ފެނުމާއިއެކު ޝަހާނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާ ހުރީ ރޮއިރޮއި ވަރުބަލިވެފައެވެ. އޭރުވެސް ހިފެހެއްޓުމެއްނެތި އޭނާގެ ދެލޮލުން ފެންތައް ފައިބަމުންދެއެވެ.
" އާހް! ޔަޝްމީކޮއްކޯ؟ "
މޫނުމަތި ބަނަ ކޮށްލަމުން ޝަހާނާ އަވަސް އަވަހަށް ކޮޓަރި ތެރެއަށް ދެމިގަތެވެ. ޝަހާނާ ވަނުމާއިއެކު ޔަޝްމީ އޭނާގެ ގައިގައި އޮޅުލައިގަތެވެ. އަދި ކުރިއަށްވުރެ ބާރަށް އޭނާ ރޯންފެށިއެވެ.
" ޝްޝްޝް.. ހުއްޓާލަބަލަ! މަންމަމެންނަށް އަޑު އިވުނީމަ ކަމަކު ނުދާނެ! ކީއްވެގެންތަ ތި ރޮނީ؟ މީހަކު ކަމެއް ކުރީތަ؟ "
ޔަޝްމީގެ ދެކޮނޑުގައި ހިފައި އޭނާ ދުރުކޮށްލަމުން ޝަހާނާ ބުންޏެވެ. އެއާއިއެކު ޔަޝްމީ ދެފަރާތަށް ބޯ ހޫރާލިއެވެ. އަދި ދެއަތުން މޫނުމަތި ސާފުކޮށްލަމުން އޭނާ ދުރަށް ހިނގައިގަތެވެ.
" ދައްތާ! އަހަރެން ވަރަށް ބިރުގަނޭ! ހަމަ ބިރު ގަންނަނީ.."
އުނދަގުލުން ނަމަވެސް ޔަޝްމީ މަސައްކަތްކުރީ ވާހަކަ ދެއްކޭތޯއެވެ.
" ކޮންކަމަކާ ބިރު ގަންނަނީ؟ މިގޭތެރެއިން އެއްވެސް ކަމަކާ ދިމާވީތަ؟ "
ޝަހާނާ އައިސް ޔަޝްމީގެ ކުރިމަތީގައި ހުއްޓުނެވެ. އެއާއިއެކު ޔަޝްމީ އިސްޖަހާލަމުން ދެއަތް އުރާލިއެވެ.
" މަންމަމެން އަހަންނަށް ކިޔަވައިދޭކަށް އެއްބަހެއްނުވި.. ލާރިއެއް ނެތޯ މަޑުކުރާށޯ ބުނީ! އެހެންވެ އެކަމާ ދެރަވެގެން ގޮސް ކާގޭގައި ރޯން އިންދާ މިގޭގައި އެއުޅޭ މީހާ އައީ! އޭނަ... އޭނަ.. "
ބުނަން ބޭނުންވި ޖުމްލަ ނުބުނެވިގެން އަނެއްކާވެސް ޔަޝްމީގެ އަޑު ބެދުނެވެ. އެހެންކަމުން ބާރަށް ދެލޯ މަރާލުމަށްފަހު އޭނާ އެއްޗެއް ނުބުނެ މަޑުކޮށްލިއެވެ.
" އޭނަ ކިހިނެއް ހެދީ؟ ބުނެބަލަ! "
ހާރޫންގެ ވާހަކަ އަޑުއަހާ ހިތުން ޝަހާނާ ހުރީ ކެތްމަދުވެފައެވެ.
" އެމީހާ ބުނީ އޭނަ.. އަހަންނާމެދު ޚާއްސަ ގޮތަކަށް ދެކެވެޔޯ! ދައްތާ! އަހަރެން ހަމަ ބިރުގަންނަނީ.. އޭނަ ކީއްވެ އެހެން ބުނަންވީ؟ އަހަންނަކީ އަދި އިހަކަށްދުވަހު ކިޔަވާ ނިމުނު ކުއްޖެކޭ! އޭނަ އަހަންނާމެދު އެގޮތަށް ދެކެންވީ ކީއްވެ؟ އަހަރެން އޭނައާއި އެއްވެސް ވާހަކައެއްވެސް ނުދައްކަން.. އަހަރެން އޭނައަށް އިޙްތިރާމްކުރިން.. އެއީ ކިހާ ބޮޑު މީހެއް؟ އޭނަ ބުނީ މަންމަމެންނަށް ކިޔަވައި ނުދެވުނަސް ހާސްނުވާށޯ! އޭނަ އެއުޅެނީ އެހެން ކިޔައިގެން އަހަރެން ބޭނުން ވެގެން.. ދައްތާ އަޅެ އޭނަ އެއުޅެނީ އެހެންވެގެންތަ؟ "
ޔަޝްމީގެ ހިތަށް އަރާ ފައިބަމުންދާ ވާހަކަތައް އަޑުއަހަން ހުރި ޝަހާނާ އަވަސް އަވަހަށް ޔަޝްމީއަށް ފުރަގަސްދިނެވެ. އޭރު އޭނާގެ މޫނުމަތިވަނީ އުޖާލާވެފައެވެ. ތުންފަތްމައްޗަށް ވެރިވެފައިވާ މަކަރުވެރި ހިނިތުންވުން ފޮރުވަން އޭނާ މަސައްކަތްކުރަމުންދިޔައެވެ.
" ޔަޝްމީ! ހިތަކީ ވަރަށް ނާޒުކު އެއްޗެއް! ހަށިގަނޑުގައި ފޮރުވިގެން އެ އޮންނަ ކުޑަކުޑަ ހިތަށް، ޚުދު ތިމާއަށްވެސް ބާރެއް ނުފޯރުވޭނެ! އަދި އަމުދުން އޭގައި ލޯބީގެ ވިންދެއް ޖަހަން ފަށައިފިއްޔާ ހެދޭނެ އެއްވެސް ގޮތެއް ނޯންނާނެ! ވެދާނެ އޭނައަށް ޔަޝްމީދެކެ ލޯބި ވެވުނީކަމަށްވެސް.. އެހެންވީމަތާ އޭނަ އެބުނަނީ ޔަޝްމީ ކިޔެވުމާއިމެދު ހާސްނުވާށޭ! "
މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލަމުން ޝަހާނާ ޔަޝްމީއަށް ބަލައިލިއެވެ. އޭރު ޝަހާނާގެ މޫނުމަތީގައިވަނީ ރުޅިވެރިކަމެވެ.
" ލޯތްބޭ؟ އޭނަ އެގޮތަށް ވިސްނައިގެންވެސް ނުވާނެއެއްނު! އަހަންނަކީ.. އަހަންނަކީ އޭނަޔާ ބަލާފައި އޭނަގެ ދަރިއެއްގެ ޢުމުރުގެ ކުއްޖެކޭ! ލަދެއްވެސް ނުގަނޭތަ؟ "
ޔަޝްމީއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެހެންކަމުން ޝަހާނާ އަތުގެ އިޝާރާތުން އަޑު މަޑުކުރަން އެދުނެވެ.
" ޔަޝްމީއަށް އެނގޭތަ؟ ބައްޕަގެ ދޯނި އިންޖީނަށް އޭނަ ބައިލައްކަ ރުފިޔާ ޚަރަދުކޮށްލައިފި! އަހަރެންވެސް ހިތަށް އެރި މީހަކު ހަމަ އެހާ ދީލަތި ވެދާނެބާވައޭ! މިއުޅެނީ ގައިމު މީހަކު ބައްޔެއް ވެގެންނެއްނޫން ވިއްޔަ! އަދިކިރިޔާ މި އެނގުނީ އޭނަ ބޭނުންވަނީ ޔަޝްމީކަން..."
ލޮލުގެ ހިމަކޮޅުން ޝަހާނާ ޔަޝްމީއަށް ބަލައިލިއެވެ. އެއާއިއެކު ޔަޝްމީގެ މޫނުމައްޗަށް ފޫހިކަން ވެރިވިތަން ޝަހާނާއަށް ފެނުނެވެ.
" އަސްލު ދައްތަގެ ނަޒަރުގައި އެއީ ގޯސްކަމެއްނޫން! ޔަޝްމީ ބުނެބަލަ! ބަލާބެލުމަށް ހާރޫންއަކީ އެހާ ދުވަސްވީ މީހެއްހެން ހީވޭތަ؟ "
" އެކަމަކުވެސް ހެޔޮ! ސިފައެއް ނޫން! ތަފާތުވާނީ ދެމީހުންގެ ފިކުރާއި ވިސްނުން... އަހަރެންގެ ވިސްނުމާއި އޭނަގެ ވިސްނުން ހާސްބައި ތަފާތުވާނެ. "
ޔަޝްމީ އަޑަށް ބާރުލައިފައި އަނެއްކާވެސް ބުންޏެވެ. ޝަހާނާ ވަގުތުން ދެފަރާތަށް ބޯ ހޫރާލިއެވެ.
" އެކަމަކު ތި ދެމީހުން ބަލާބެލުމަށް ވަރަށް ގުޅޭ! "
ޝަހާނާ އެހެން ބުނުމުން ޔަޝްމީ ނުރުހުންވެފައި ޝަހާނާއަށް ބަލައިލިއެވެ.
" ޗީޑި! ތިހެން ބުނަންވެސް ނުވާނެއެއްނު.. އަހަރެން ނެތް އޭނައާއިމެދު އެއްވެސް، ހަމަ އެއްވެސް ޝައުޤުވެރިކަމެއް! ދޮންބެ ގާތު ބުނޭ އޭނަ މިގެއިން ނެރޭށޭ!"
ޝަހާނާއަށް ފުރަގަސްދެމުން ޔަޝްމީ ބުންޏެވެ. އެއާއިއެކު ޝަހާނާ ހިނިގަނޑެއް ޖަހާލަމުން އެކޮޓަރިން ނިކުތެވެ. އޭރު އޭނާގެ މޫނުމަތީގައިވަނީ އުފާވެރިކަމުގެ ހިނިތުންވުމެވެ.
***
ޖާވިދް އޮފީހުން ނައިސްގެން ޝަހާނާ އިރުއިރުކޮޅުން ގަޑިބަލައެވެ. ގޭ ދޮރުމައްޗަށް ނިކުތް އިރު ފާއިޒާ ބޭރުން އަންނަތަން ފެނި އޭނާގެ ޚިޔާލް ބަދަލުވާކަށް މާ ގިނަ އިރުތަކެއް ނުނެގިއެވެ. ފާއިޒާ އަންނަންދެން އޭނާ މަޑުކޮށްލީ ހިނިތުންވުމާއިއެކުއެވެ.
" މިއައީ ދަނޑިއަލުވި ވިއްކާ ވާހަކައަށް އެފިހާރައަށް ގޮސް! ދިޔައިރު ހުސްކޮށްފި! "
ޝަހާނާއާއި އަރާ ހަމަވުމުން ފާއިޒާ ބުނެލިއެވެ. ސިކުނޑީގައި އެނބުރެމުންދާ ޚިޔާލްތަކުން ފާއިޒާ ބުނީ ކީކޭކަމެއްވެސް ޝަހާނާއަކަށް ނޭނގުނެވެ. އޭނާ އުޅުނީ ފާއިޒާ ގެއަށް ވަދެދާނެތީ އޭނާ ހުއްޓުވާށެވެ.
" މަންމާ! އާދެބަލަ ޖޯއްޔަށް! ކުޑަ ވާހަކައެއް ދައްކާލަން ވެގެން.."
ޝަހާނާ އެހެން ބުނުމުން ފާއިޒާ މަޑު ހިނގުމެއްގައި ގޮސް ޖޯލީގައި އިށީނީ ޝަހާނާއާއި އެކުއެކީގައެވެ.
" ކިހިނެއްވީތަ؟ ޖާވިދް އަނެއްކާވެސް މާލެ ބަދަލުވާ ވާހަކަ ދައްކަން ފެށީދޯ"
ފާއިޒާ އެހެން ބުނުމާއިއެކު ޝަހާނާ ބޯ ހޫރާލިއެވެ.
" ނޫނެކޭ މަންމާ! މަންމަ ހީވެސް ނުކުރާ ކަހަލަ ކަމެއް ވެގެން.. މިއުޅޭ ހާރޫން ޔަޝްމީގާތު ފާޑެއްގެ ވާހަކައެއް ދައްކައިގެން..."
ޝަހާނާ އެހެން ބުނުމާއިއެކު ފާއިޒާގެ ދެލޯ ބޮޑުވިއެވެ. އަދި މޭގައި އަތް ޖައްސާލުމަށްފަހު އޭނާ އަވަސް އަވަހަށް ފަރާތް ފަރާތް ހޯދާލިއެވެ.
" އަނެއްކާ ކޮންކަހަލަ ވާހަކައެއް؟ "
ވައި އަޑުން ފާއިޒާ އެހެން ބުނުމުން ޝަހާނާ ހޭންފެށިއެވެ.
" މިބުނީ... ކީކޭތަ އަހަރެން ބުނާނީވެސް.. ހާރޫންއަށް ޔަޝްމީ ކަމުދާ ވާހަކަ ބުންޏޯ! އަދި ބުންޏޯ ކިޔަވައިވެސް ދޭނަމޭ! "
ޝަހާނާ އެހެން ބުނުމުން ހައިރާންވެފައި ފާއިޒާ ޝަހާނާއަށް ބަލަން ފެށިއެވެ.
" މަންމާ! ހާރޫނަކީ މާލޭ މީހެކޭ! ތަންކޮޅެއް ފޯރާ މީހެއް ކަންނޭނގެދޯ! އޭނަގެ ބައްޕަ މީހުންނަށް އެހީވާން ދީފައި ހުރި ފައިސާވެސް މިގޭ ބައްޕައަކަށްނު އެ ދިނީ! އަނެއްކޮޅުން އަޚްލާޤްވެސް ގޯސް މީހެއްނޫން.. މަންމަ ވިސްނާލަބަލަ! ޔަޝްމީ ބޭނުންވަނީ ކިޔަވަންދޯ؟ މަންމަމެންނަށް އޭނައަށް ކިޔަވައިދެވޭނެތަ؟އަދި ޙައްޖަށްގޮސް އައިސް ކިހާ ދުވަހެއްވާނެ އަލުން ފައިސާ އެއްކުރަން؟ މިއަހަރު ޔަޝްމީއަށް އަށާރަ އަހަރުވާނެ.. މިހާރުވެސް މި ދެއަހަރު އެދިޔައީ ބޭކާރު ވެގެން.."
މިނެޓެއްވެސް ލަސްނުކޮށް ޝަހާނާ ހުރިހާ ވާހަކައެއް ދައްކައި ނިންމާލިއެވެ. އެއަށްފަހު ފާއިޒާގެ މޫނުމަތީގެ ކުލަވަރު ވަގުވަގަށް ބަލަން އިނެވެ.
" ހަމަ ތެދެއްތަ ތިޔަ ބުނީ؟
ފާއިޒާއަށް އަހައިލެވުނެވެ. ޝަހާނާ ދެތިން ފަހަރަކު ބޯ ޖަހައިލީ ފާއިޒާއަށް އެކަން ޔަޤީންކޮށް ދިނުމަށެވެ.
" ޔަޝްމީ ކީކޭތަ ދެން ބުނަނީ؟ "
ފާއިޒާ އަނެއްކާވެސް އެހިއެވެ.
" ޔަޝްމީ ބުނަނީ އެއީ ހާދަ ބޮޑު މީހެކޭ! ދެން އެވަރުގެ ކުދިން ބޭނުންވާނީ ޅަ ކުދިންތާ! އެކަމަކު މިހާރު ޅަކުދިންނާ އިނދެގެން ގިނަ ފަހަރަށް ދިރިއުޅުން ރޫޅެނީ! "
އެކިގޮތްގޮތުން ޝަހާނާ ބެލީ ފާއިޒާގެ ސިކުނޑިއާއި ކުޅެވޭތޯއެވެ. ފާއިޒާގެ ރުހުން ލިބިއްޖެނަމަ، އެކަން ކާމިޔާބު ކުރެވޭނެކަން އޭނާއަށް އެނގެއެވެ.
" ތިބުނީ ތެދެއް! އެވަރުގެ ކުދިން މީހުންނާ އިންނަނީ ކުޅޭ ކުޅިވަރަކަށް.. ދުވަސްކޮޅަކުން އިވޭނެ ވަރިކުރާ އަޑު! "
ފާއިޒާ ބޯ ޖަހާލިއެވެ.
" ދެމީހުން ހާދަ އޮލަ ވާހަކައެއްގައި މިތިބީ؟ "
ގޭތެރެއިން ނިކުމެގެން ގަސްދޮށަށް އައި ޝާކިރު ހިނިތުންވެލަމުން ބުންޏެވެ. ޝާކިރު އެހެން ބުނުމުން ފާއިޒާއާއި ޝަހާނާއަށް އެކަކު އަަނެކަކުގެ މޫނަށް ބަލައިލެވުނެވެ.
" ހާދަ ކަންބޮޑުވެފައި؟ އަނެއްކާ އަހަންނަށް މި އާދެވުނީ ފިލްމުގެ މެދުތެރެއަށްތަ؟ "
އަނެއްކާވެސް ޝާކިރު މަޖާ ރާގެއްގައި ބުންޏެވެ. އެމީހުން ދައްކަމުންދާ ވާހަކަތައް އޮޅުންފިލުވަން ޝާކިރު ބޭނުންވާކަން އެނގުމުން ފާއިޒާ ބުންޏެވެ.
" މިއުޅޭ ހާރޫންއަކީ ކޮންކަހަލަ މީހެއްތަ ޝާކިރު؟"
" އެއީ ވަރަށް ބޮޑު އިޙްސާންތެރިއެއް! ދީލަތި، ހިތްހެޔޮ މީހެއް! ކުއްލިއަކަށް ހާރޫންގެ ސުލޫކީ މިންގަނޑު ބަލަން ތިޔަ އުޅެނީ އަނެއްކާ އޭނާ ކުށެއް ކުރީތަ؟"
ޝާކިރު އެހެން ބުނުމުންވެސް ފާއިޒާއަށް ބަލައިލެވުނީ ޝަހާނާގެ މޫނަށެވެ.
" އޭނާ ކުރީ ކުށެއްތޯވެސް ނިންމާނީ ބައްޕަ! "
ޝަހާނާ އެހެން ބުނުމުން، މިފަހަރު ޝާކިރުގެ މޫނުމައްޗަށް ހައިރާންކަން ގެނުވިއެވެ. އެހެންކަމުން އޭނާ ސުވާލުގެ ނަޒަރަކުން ފާއިޒާއަށް ބަލައިލިއެވެ.
" ހާރޫންއަށް ޔަޝްމީ ކަމުދިޔައްޔޯ! ކިޔަވައިދޭނެކަމަށްވެސް ބުންޏޯ!"
ފާއިޒާ މާ ނޫންކަމަށް ހަދާފައި އެހެން ބުނުމާއިއެކު ޝާކިރުގެ މޫނުމަތި އުޖާލާ ވެގެން ދިޔައެވެ.
" އަލްޙަމްދުލިއްލާހި! މި ޒަމާނުގައި އެހާ ޚުލްޤުހެޔޮ މީހަކު އަތްފުނާއަޅައިގެންވެސް ނުލިބޭނެ! ހާރޫންއަކަށްވެސް މިރަށަކުން ވަކި ޔަޝްމީއަށްވުރެ ރަނގަޅު ކުއްޖަކު ނުލިބޭނެ"
" ޝާކިރު ތިޔަ ގޮތަށް ނިންމިޔަސް ޔަޝްމީ ދެކޭގޮތެއްވެސް ބަލައިލަންވާނެއެއްނު!"
ފާއިޒާ މަޑުމަޑުން ބުންޏެވެ.
" އޭނަ ދެކޭ ގޮތެއް ބަލާނެ ކަމެއްނެތް! ހާރޫން ޤަބޫލުކަމަށް ވާނަމަ އެކަން ކުރަންވީ! ބަލަ މިހާ ހިސާބަށްވެސް ޔަޝްމީ ބެލީ އަހަރެމެންނޭ! އޭނަ ކުރިމަތީގައި އަހަރެމެންގެ ބަސް ވިކެން ޖެހޭނެ!"
މީގެ ކުރިން ޝާކިރަކީ އެހާ ހަރުކަށިކޮށް ވާހަކަ ދައްކައި އުޅޭ މީހެއް ނޫނެވެ. ނަމަވެސް އޭނާގެ ވަރުގަދަ ޖުމްލަތަކުން ފާއިޒާވެސް ޖެހިލުންވިއެވެ.
" ކަލޭވެސް ދެން މިކަންތައްގަނޑު އެނގޭކަމަށް އަދި ހަދާނެކަމެއްނެތް! ހާރޫން އެވާހަކަ ދައްކަންދެން މަޑުކުރޭ! އަނގަ ގަދަވެގެން ގޮސް ދައްކާނީކީ ނޫން.."
ފާއިޒާ ޝާކިރު ހުއްޓުވިއެވެ. އެހެންކަމުން ޝާކިރު އެގޮތަށް ކަންކުރަން އެއްބަސްވެސް ވިއެވެ.
***
އިއްޔެއިއްސުރެ. ޔަޝްމީ ގިނަވަގުތު ހޭދަކުރަނީ ކޮޓަރިތެރޭގައެވެ. އޭނާ ކޮޓަރިން ނިކުންނަނީވެސް ހާރޫން ގޭގައި ނޫޅޭކަން ޔަޤީންކޮށްފައެވެ. ހަވީރުގެ ފިނިފިނި ވަގުތަކީ އާއްމުކޮށް ޔަޝްމީ ގަސްދޮށަށް ނިކުންނަ ވަގުތެވެ. ހާރޫން ގޭގައި ނެތްކަން އެނގުމުން އޭނާ ބޭރަށް ނިކުމެލިއެވެ. އޭރު މަންމައާއި ބައްޕަވެސް އުޅެނީ ކޮޓަރީގައެވެ. އާދައިގެ މަތިން ޖާވިދް ދިޔައީ ފުޓްބޯޅަ ކުޅޭށެވެ. ޝަހާނާވެސް ވީ އޭނާގެ މަންމަގެއަށް ގޮހެވެ.
ދެއަތް އުރާލައިގެން ހުރެ ޔަޝްމީ ގަސްދޮށުގައި މަޑުކޮށްލީ މަގުމަތިން ނާއިފް ފެނުމުންނެވެ. ޔަޝްމީ ފެނުމާއިއެކު ނާއިފް ހިނިތުންވެލިއެވެ. ރައްދުގައި ޔަޝްމީވެސް ހީލިއެވެ. ޔަޝްމީގެ ހިނިތުންވުންފެނި، ނާއިފް އަތުގެ އިޝާރާތުން އައުމަށް އެދުނެވެ. ޔަޝްމީ ގެއާއި ދިމާލަށް ބަލައިލަމުން މަގުމަތީ ފަޅިއަށް ނިކުތެވެ. އެއާއިއެކު ނާއިފް ބައިސްކަލްގައި އައިސް މަޑުކޮށްލީ ޔަޝްމީގެ ކުރިމަތީގައެވެ. އަދި ލުއި ހިނިތުންވުމެއްގައި ހުރެ އޭނާ ޔަޝްމީއާއި ވާހަކަ ދެއްކިއެވެ.
" ހާދަ ދުވަހެއް ވެއްޖެޔޭ ނުފެންނަތާ! އަހަރެން ހީކުރީ މިރަށުގައި ނޫޅެނީކަމަށް.."
ނާއިފްގެ ޖުމްލައިން ޔަޝްމީއަށްވެސް ހިނިތުންވެވުނެވެ.
" ކުރިން އަހަރެން މާ ވަރަކަށް ބޭރު ތެރެއިން ފެންނަނީތަ ތިހެން ތިބުނީ؟"
" ނޫނޭ! ފިހާރައަކަށްވެސް ނުދަމެއްނު! އަބަދުވެސް ދަނީ ފާއިޒާއްތަ! "
ނާއިފް އެހެން ބުނުމާއިއެކު، އެއްލި ކަޅިއަކުން ޔަޝްމީއަށް ފެނުނީ މަގުގެ އެއް ފަރާތުން ހިނގާފައި އަންނަ ހާރޫންއެވެ. އޭނާ ބަލަހައްޓައިގެން ހުރީ ސީދާ ޔަޝްމީއަށްކަން އޭނާއަށް އެނގުނެވެ.
" މަންމަ އަބަދުވެސް ދާން ބޭނުންވާނީ! އޭ އަހަރެން ދެން ގޮސްލަނީ!"
ޔަޝްމީ އަވަސް އަވަހަށް އެހެން ބުނެ އެނބުރިގަތެވެ. ނާއިފްވެސް ބައިސްކަލްގައި ބާރަށް ދުއްވާލިއެވެ.
" އެއީ ޔަޝްމީގެ ލޯބިވެރިޔާތަ؟ "
ފަހަތުން އިވުނު ޖުމްލައިން ޔަޝްމީ އެނބުރި ފަހަތް ބަލައިލިއެވެ. އޭރު އޭނާއާއި ދާދި ގާތުގައި ހާރޫން ހުއްޓެވެ. އޭނާގެ މޫނުމަތީގައިވަނީ ނުތަނަވަސްކަމެވެ. ދެލޯ ކުޑަކޮށްގެން ހުރެ އޭނާ ދުލުން ތުންފަތް ތެންމާލިއެވެ.
" ތި ސުވާލަށް ޖަވާބު ދޭކަށް ބޭނުމެއް ނޫން.."
ޔަޝްމީ އެހެން ބުނުމާއިއެކު ހާރޫންއަށް ދެލޯ މަރާލެވުނެވެ. އަތުގެ އިނގިލިތައް ފިއްތާލެވުނުލެއް ބާރުކަމުން، އޭނާގެ އަތުގެ އުޅަނބޮށިން ފެށިގެން އަތްތިލައާއި ހަމައަށް ފުއްޕާފައި ހުރި ނާރުތަކަށްވެސް ބާރުވެގެން ދިޔަ ކަހަލައެވެ. ހުއްޓުން އަރާފައި ހުރި ހާރޫންއަށް ދެލޯ ހުޅުވައިލެވުނީ ދާދި ކައިރިން އިވުނު ޔަޝްމީގެ އަޑުންނެވެ. އޭރު ޔަޝްމީ ހުރީ ސީދާ އޭނާގެ ކުރިމަތީގައެވެ.
" އަހަރެންގެ ފަހަތުން ނޫޅޭ! ހެޔޮނުވާނެ! "
( ނުނިމޭ )
ސިލްސިލާ ވާހަކަ: ޝިކާޔަތު (13)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!