މާލެ އާއި ވ. އަތޮޅާއި މ. އަތޮޅާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއް ކަމަށްވާ ސަވާރީ ބޯޓު އަޑިއަށް ދިޔަ ހާދިސާގަައި ކަނޑުވެފައި ތިއްބާ ސަލާމަތް ކުރި މީހުން މާލެ ގެނެސްފިއެވެ.

މި ބޯޓުގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 6:30 ހާއިރު ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

Ad
rt

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި ސަވާރީ ބޯޓު ރޭ ދަންވަރު އަޑިއަށްދިޔަ ޙާދިސާގައި ކަނޑުވި 6 މީހުން އެމްްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީގައި ވަނީ މިއަދު ހަވީރު މާލެ ގެނެސްފައެވެ.

މިމީހުން ފެނުނީ ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވ. ފުލިދޫގެ އިރުމަތިން 26 ނޯޓީކަލް މޭލު ބޭރުން، ކަނޑުވެފައިވަނިކޮށް އެމްއެންޑީއެފް ޑޯނިއަރ އެއަރކްރާފްޓަށެވެ. މި މީހުން ފެނުމުން އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް ޣާޒީއަށް އެ މީހުން ނަގާފައި ވަނީ މިއަދު މެންދުރު 13:00 ހާއިރު އެވެ.

''މި މީހުން މިއަދު 16:30 ހާއިރު ވަނީ ރައްކާތެރިކަމާއެކު ހުޅުމާލެ ގެނެސްދީފައި'' އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި މީހުން މިއަދު ހުޅުމާލޭގައި ހުންނަ ކޯސްޓްގާޑު ޝިޕުތައް ބަނދަރު ކުރާ ސަރަހައްދަށް ގެނެވުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ އެމީހުންނާ ބައްދަލުކުރައްވައި އެމީހުންގެ ހާލު އޮޅުންފިލުވާފައިކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

''އެ މީހުނަށް ޞިއްޙީ އެއްވެސް އިތުރު އެހީތެރިކަމަކަށް ބޭނުންޖެހިދާނެކަމަށް އެމްއެންޑީއެފް މެޑިކަލް ކޯރގެ ޓީމެއްވެސް ވަނީ ހަރަކާތްތެރިވެފައި'' އެމްއެންޑީއެފުން ވިދާޅުވިއެވެ.