ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައި އޮތްނަމަވެސް ފަރުވާދިނުމުގެ ކަންކަން ފުރިހަމަވެފައި ނެތް ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ) ގެ ބޯޑުގެ ޗެއަރމަން އަދި ހެލްތު މިނިސްޓަރުގެ ނައިބު ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިއަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުގެ ކުރިން އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި ފަރުވާދިނުމުގެ ތަންތަން އިތުރުވެގެންދާނެ ކަމަށެވެ.
އެގޮތުން ރަށްރަށުގެ ކައުންސިލްތަކާއި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ އެކި ތަންތަނުގައި ފަރުވާދިނުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށާއި އަތޮޅުތެރެއިން އައްޑޫގައި ފަށާ ރެޒިޑެންޝަލް ޕްރޮގްރާމްގައި އެކި ދާއިރާތަކަށް މީހުން ތަމްރީން ކުރުމުގެ މަސައްކަތްވެސް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެންޑީއޭގެ ތަނެއް ހެދެންދެން މަޑު ނުކުރާނެ ކަމަށާއި ފަރުވާ ދިނުމަށް ކޮންމެވެސް ގޮތަކުން މަސައްކަތް ފެށޭނެ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށެވެ.
"އާބާދީ ބޮޑެތި ތަންތަނުގައި ބޭނުންވާ ރެޒިޑެންޝަލް ފަރުވާ ދޭނެ ތަންތަނެއް މިއަދަކު ނެތް." ޝަމާއު ވިދާޅުވިއެވެ.
މީގެ އިތުރުން މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިތިބި މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތުގެ ތެރެއިން ކުޑަކުދިންނާއި އަންހެނުންނަށް ފަރުވާދިނުމަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި ވެލްނެސް ސެންޓަރެއް ހެދުމަށް ނިންމަވާފައިވާ ކަމަށާއި މިސެންޓަރުގެ މަސައްކަތް ނިމުމުން އެތަނުން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށެވެ.
މިތަން ތަރައްޤީ ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މަސައްކަތްތައް ފެށޭނެކަމަށް ވެސް ޝަމާއު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!