އިސްލާމީ ޝަރީޢަތާއިއެކު އަންހެނުންނަށް އިންސާފު ޤާއިމްވެގެން ގޮސްފައިވާ ކަމަށް ޑރ. އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ކަމާއި ބާ ކައުންސިލްގެ ހިންގާކޮމެޓީގެ މެންބަރުކަން ވެސް ކުރައްވާފައިވާ ޑރ. އަނާރާ މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަވާ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.

Ad
rt

ރޭގެ އިޙްޔާ ފޯރަމްގެ މައުޟޫއަކީ “މުޖުތަމަޢުގެ ކުރިއެރުމުގައި މުސްލިމް އަންހެނާގެ ދައުރު” އެވެ.

މި މައުޟޫޢަށް ރޭގެ ފޯރަމްގައި ތަޤްރީރުކުރައްވަމުން، ޑރ. އަނާރާ ވަނީ އަންހެނުންނަކީ މުޖުތަމައުގެ ދެބައިކުޅަ އެއްބައިކަން ފާހަގަ ކުރައްވައި މުޖުތަމައުގައި އަންހެނުންގެ ދައުރު ބޮޑުކަން ފާހަގަ ކުރައްވާފައެވެ.

އިސްލާމީ ޝަރީޢަތް އައުމުގެ ކުރީގައި އަންހެނުންގެ ޙާލަތާއި އިސްލާމީ ޝަރީޢަތުގެ ފަހުން އަންހެނުންގެ ޙާލަތަށް އައި ބަދަލުތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލެއްވި މި ތަޤްރީރުގައި ޑރ. ވަނީ އަންހެނުންގެ މައްޗަށްވާ އާއިލީ ދައުރާއި، އިޖުތިމާޢީ ދައުރާއި އިޤްތިސާދީ ދައުރާއި ސިޔާސީ ދައުރާއި ދީނީ ދައުރަށް ވެސް އަލިއަޅުއްވާލައްވާފައެވެ.

ޑރ. އަނާރާ ވިދާޅުވީ، އިސްލާމީ ޝަރީޢަތް އައުމުގެ ކުރިން އަންހެނުން ދިރިހުއްޓާ ވަޅުލުމާއި، އަންހެނުންނަކީ ވާރުތަވާ ބައެއްގެ ގޮތުގައި ތިބިކަމަށެވެ. އަދި އަންހެނުންނަކީ ހަމައެކަނި ފިރިހެނުންނަށް ޚިދުމަތްކުރުމަށް ލައްވާފައިވާ ބައެއްކަމަށް އޭރު އެ މުޖުތަމަޢުތަކުގައި އޮންނަކަން ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް އިސްލާމީ ޝަރީޢަތް އައުމުން އިންސާނާއަށް ދިރިހުރުމުގެ ޙައްޤާއި މުދާ މިލްކުކުރުމާއި އިލްމު އުނގެނުމާ މިފަދަ ވަރަށް މަތިވެރި ދަރަޖަތަކަށް އަންހެނުން ގެންގޮސްދޭނެ އެތައް ޙައްޤެއް ލިބިގެން ދިޔަކަމަށް ޑރ. އަނާރާ ވަނީ ވިދާޅުވެފައެވެ. އަދި އިންސާނީ ޙައްޤުތަކާއި އަންހެނުންނާއި ފިރިހެނުން ހަމަހަމަކަން ކަނޑައެޅިގެން ދިޔަކަމަށް ވިދާޅުވިއެވެ.

އެގޮތުން ޑރ. އަނާރާ ވަނީ، އިންސާނާ ދިރިހުރުމުގެ ޙައްޤު، ތަޢުލީމު އުނގެނުމާއި ޚިޔާލުފާޅުކުރުމުގެ ޙައްޤާއި މި ހުރިހާ ޙައްޤުތަކެއް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށް ލިބިގެން ދިޔަކަން ފާހަގަ ކުރައްވާފައެވެ. އަދި ޢިލްމު އުނގެނުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާކަމާއި އެހެންކަމުން މި ކަންކަމުން އެނގިގެން ދަނީ އިސްލާމްދީން އައުމުން އަންހެނުންނަށް ލިބިގެންދިޔަ ޤަދަރާއި މަތިވެރި ޝަރަފްކަމަށް ވިދާޅުވިއެވެ.

ހަމަމިއާއެކު އިސްލާމީ ޝަރީޢަތާއިއެކު އަންހެނުންނަށް އިންސާފު ޤާއިމްވެގެން ދިޔަކަމަށް ވެސް ޑރ. އަނާރާ ވަނީ ވިދާޅުވެފައެވެ.

މުޖުތަމަޢު ބިނާކުރުމުގައި އަންހެނުންގެ ދައުރަށް އަލިއަޅުވާލައްވަމުން ޑރ. އަނާރާ ވިދާޅުވެފައި ވަނީ، އަންހެނުންނަކީ މުޖުތަމައުގައި ތަފާތު ދައުރު އަދާކުރާ ބައެއްކަން ފާހަގަކުރައްވަމުން، އަންހެން ދަރިއެއްގެ ގޮތުގައިއާއި، ކޮއްކޮއެއް، ދައްތައެއް، އަނތްބެއް، މަންމައެއް، ނޫނީ މާމައެއްގެ ދައުރު މުޖުތަމައެއްގައި އަންހެނަކު އަދާކުރާކަމަށް ވަނީ ވިދާޅުވެފައެވެ.

ޑރ. އަނާރާ ވިދާޅުވިގޮގުގައި، މި ދައުރުތައް އަދާކުރެވޭނީ އަމިއްލަ ނަފްސު ސާބިތުކަމާއިއެކު ހުރެގެންކަމަށް ވިދާޅުވެ އަޅުކަންތައް ބަރާބަރަށް އަދާކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުންފަދަ ކަންކަމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންކަންކަމަށް ވިދާޅުވިއެވެ.