ކ. ގުޅީ ކައުންސިލްގެ ރައީސް މޫސާ ސާފިލް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރައްވައިފި އެވެ.

އޭނާ އެމްޑީޕީއަށް ސޮއިކުރައްވާފައިވާކަން އެ ޕާޓީން މިއަދު ވަނީ ހާމަކޮށްފައެވެ.

Ad
rt

މުސާ ސާފިލް އެމްޑީޕީއަށް ސޮއިކުރައްވާ ފޯމް އެ ޕާޓީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލް އާއި ހަވާލުކުރައްވާފައިވާއިރު، އޭނާ ސޮއިކުރެއްވި ރަސްމިއްޔާތުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ގުޅީ ކައުންސިލްގެ ރައީސް މޫސާ ސާފިލް އަކީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ގުރައިދޫ ކައުންސިލް ގޮނޑި ކާމިޔާބު ކުރެއްވި ބޭފުޅެކެވެ.

ގުޅި އަކީ ގުރައިދޫ ދާއިރާގައި ހިމެނޭ ރަށެކެވެ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިންގެ ތެރެއިން ރައީސް ޞާލިޙް މިހާރު ގެންދަވަނީ އެ ދާއިރާގެ ރަށްތަކަށް ދަތުރުފުޅެއް ކުރައްވަމުންނެވެ.

މި ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓް ދޭނެ މެންބަރަކު ކަނޑައެޅުމަށް މާރިޗް 11 ގައި ބޭއްވި އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބުކޮށް، އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ހޮވިފައި ވަނީ ކ. ގުރައިދޫ ފައިވްރޯސް، އިބްރާހީމް ޝާޒް އެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ފާއިތުވި ތިން ދައުރުގައި ހުންނެވި ރިޟާ އަވަހާރަވުމުންނެވެ. ރިޟާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭގަ އެވެ.

މި ބައި-އިލެކްޝަންގައި ޕީޕީއެމުންނާއި އެމްއެންޕީން ވެސް ވާދަކުރެއެވެ. މި ބައި-އިލެކްޝަންގައި ޕީޕީއެމްގެ ކެންޑީޑޭޓެއް ގޮތުގައި ކަނޑައަޅާފައި ވަނީ އަވަހާރަވި ރިޟާގެ ކޮއްކޮ އެއް ކަމަށް ހުސައިން ރިޒާ އެވެ. އަދި އެމްއެންޕީގެ ޓިކެޓް ދީފައި ވަނީ ގުރައިދޫ ފިޔާތޮށިގެ، އަލީ އާރިފް އެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ މި އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގައެވެ.