ށ. ފުނަދޫގައި އައު ހޮސްޕިޓަލެއް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން މިއަދު އިއުލާންކޮށްފިއެވެ.

ށ. އަތޮޅުގެ ވެރިރަށް ފުނަދޫއަކީ މިހާރު ވެސް އެ އަތޮޅު، އަތޮޅު ހޮސްޕިޓަލް ހުންނަރަށެވެ.

Ad
rt

ފުނަދޫގައި ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު ކުރި ޢިއުލާންގައި ވިދާޅުވީ، މިނިސްޓްރީ އޮފް ހެލްތު އެދިލެއްވުމުގެ މަތިން، ށ. ފުނަދޫ ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން މިސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ހުޅުވާލާފައެވެ.

އެ ޢިއުލާންގައި ވާގޮތުން މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެކަމަށް އެ އިއުލާންގައި ވިދާޅުވެފަވެއެވެ.

މި ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު، ފައިސާ ބަލައިގަންނާނީ 11 އެޕްރީލް 2023 އިން 24 އެޕްރީލް 2023 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް (ރަމަޟާން މަހު: 09:30 އިން 13:00)، ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ.

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 12 އެޕްރީލް 2023 ފެށިގެން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 18 އެޕްރީލް 2023ވާ އަންގާރަ ދުވަހުގެ 13:00ގެ ibrahim.aflah@finance.gov.mv އަށް އީމެއިލް ކުރަންޖެހެއެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ބިޑުތައް ހުޅުވުން އޮންނާނީ 26 އެޕްރީލް 2023 ވާ ބުދަ ދުވަހުގެ 10:00:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

ސަރުކާރުން އެދިގެން ފުނަދޫގައި އައު ހޮސްޕިޓަލެއް އެޅުމަށް 80،000 އަކަފޫޓުގެ ބިމެއް އެރަށު ކައުންސިލުން ހަމަޖައްސައިދީފައި އޮންނަތާ ދެ އަހަރެއްހާ ދުވަސް މިހާރު ވެދާނެކަމަށް ފުނަދޫ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.