ފިއްލަދޫ ހޮލިޑޭ ކަޕްގައި މިއަދުގެ ފުރަތަމަ މެޗްގައި ފޮލޯމީ އަދި ޑެޒްލިން ރޮވާސް ބައްދަލުކޮށް މެޗް ނިމިފައިވަނީ 2-2 ން ދެޓީމް އެއްވަރު ވެގެންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އަބްދުﷲ މަޖީދު (އައްޕަ) އެވެ.

Ad
rt

މިއަދު ހަވީރު ކުޅުނު މެޗްގައި އެފްސީ ގޫޕްސް އަދި ޑީޖޭ އަމިކޯ ބައްދަލުކޮށް 3-0 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށްފައި ވަނީ ޑީޖޭ އަމިކޯއެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޑީޖޭ އަމިކޯގެ އަލީ އިހްސާނެވެ.

މާދަމާވެސް މި މުބާރާތުގެ އިތުރު ދެމެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާދަން ހެނދުނު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލު ކުރާނީ އެފްސީ ލެޖެންޑްސް އަދި ފޮލޯމީއެވެ. ހަވީރުގެ މެޗްގައި ޑީޖޭ އަމިކޯ އާއި ދެކޮޅަށް ޑެޒްލިން ރޯވާސް ނުކުންނާނެއެވެ. މާދަމާގެ ދެމެޗާއި އެކު ފިއްލަދޫ ހޮލިޑޭ ކަޕްގައި ލީގު އުސޫލުން ކުޅުމަށް ހަމަޖެހިފައިވާ މެޗްތައް ނިމޭނެއެވެ. އެއަށްފަހު ދެން އޮންނާނީ ސެމީފައިނަލްގެ މެޗްތަކެވެވެ. ސެމީ ފައިންލަގެ ކުޅުން އޮންނާނީ މިފެށޭ ޑިސެމްބަރ މަހުގެ ފުރަތަމަ ދުވަހުއެވެ.

މުބާރާތުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ތާވަލްގެ އެއްވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ޑެޒްލިން ރޯވާސް އޮތީ ކުޅުނު ތިންމެޗްގެ ތެރެއިން ދެ މެޗް ކާމިޔާބުކޮށް އަދި އެއްމެޗް އެއްވަރުކޮށް ޖުމްލަ ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ޑީޖޭ އަމިކޯ ކުޅުނު ތިން މެޗްގެ ތެރެއިން ދެމެޗް ކާމިޔާބުކޮށް އެއްމެޗްއިން ބަލިވެފައި ވާއިރު ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ތިންވަނައިގައި އޮތް ފޮލޯމީއަށް ޖުމްލަ ހަތަރު ޕޮއިންޓް ލިބިފައިވަނީ ކުޅުނު ތިން މެޗްގެ ތެރެއިން އެއް މެޗްއިން މޮޅުވެ،އެއް މެޗް އެއްވަރުވެ، އެއްމެޗްއިން ވަނީ ބަލިވެފައެވެ. ހަތަރުވަނައިގައި އޮތް އެފްސީ ގޫޕްސް އަދި ތާވަލްގެ ފުލުގައި އޮތް އެފްސީ ލެޖެންޑްސް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މިއަހަރުގެ ފިއްލަދޫ ހޮލިޑޭ ކަޕްގެ މެއިން ސްޕޮންސަރަކީ އެސްޓީއޯއެވެ. އަދި ކޯސްޕޮންސަރުންގެ ގޮތުގައި އެމްޓީސީސީ، ޖީއެމްއައިޒެޑްއެލް ގެ އަދި ކޫލް ޓެމްޕް މޯލްޑިވްސް ހިމެނެއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރ އަކީ "ތިލަދުން" އެވެ.