މިދިޔަ އަހަރު މާލޭގައި އަނިޔާވެރިކޮށް އަންހެނަކު މަރާލި މައްސަލާގެ ދައުވާ ލިބޭ ސާހިލް އަލީ އަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު މާލޭގެ ގެއެއްގެ ތެރޭގައި، ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

Ad
rt

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މީޑިއާތަކުގައި ބުނީ މިއަދު ހެނދުނު ބޭއްވި އެ މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި، ދައުލަތުގެ ހަރަދުގައި ސާހިލަށް ވަކީލަކު ހަމަޖައްސަން ކޯޓުން ފުރުސަތު ދީފައިވާ ކަމަށެވެ.

ގާނޫނު އަސާސީ ބުނާގޮތުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި އަމިއްލަ އަށް ވަކީލަކު ހޯދޭ ފަދަ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުގެ ހަރަދުގައި ވަކީލުން ހަމަޖައްސައިދޭން ޖެހޭނެ އެވެ.

ސާހިލްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާގެ އިތުރުން އިތުރު ދެ ދައުވާއެއް ވެސް ކުރެ އެވެ. އެކަމަކު ބާކީ އޮތް ދެ ދައުވާގެ މައުލޫމާތު ވެސް ދައުލަތުން ވަނީ ސިއްރުކޮށްފަ އެވެ.