މާލޭ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
އެ ކައުންސިލުގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައިވަނީ އެ މުބާރާތް މިއަހަރުގެ ރަމަޟާން މަހު ވެސް އޮންނާނެ ކަމަށާއި މިއަހަރުގެ މުބާރާތް އޮންނާނީ އިތުރު ބަދަލުތަކާއެކުގައި ކަމަށެވެ. އަދި ރަނގަޅު އިނާމުތަކެއް ވެސް ލިބޭނެ ކަމަށެވެ.
މިއަހަރުގެ މުބާރާތުގައި ވެސް އައު މޫނުތަކާއި ރީތި ހުށަހެޅުންތަކެއް ވެސް ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
"މާލޭ ސިޓީ ކައުންސިލްގެ މަދަހަ މުބާރާތް 1444" ގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މި ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށެވެ.
ބައިވެރިންގެ ހުށހެޅުންތަކުގެ ރެކޯޑިންގ ފަށާނީ ފެބްރުވަރީ 10 ވަނަ ދުވަހު ކަމަށާއި ރެކޯޑިންގ އޮންނާނީ އެ ކައުންސިލުގެ މީޑިއާ ސެންޓަރުގައި ކަމަށް ވެސް ވިދާޅުވި އެވެ.
މި މުބާރާތުގައި ޖުމުލަ 6 އުމުރުފުރާއަކުން ބައިވެރިވެވޭނެ އެވެ. އެއީ 6 އަހަރުންދަށާއި، 9 އަހަރުންދަށާއި 11 އަހަރުންދަށާއި، 13 އަހަރުންދަށާއި 16 އަހަރުންދަށާއި 19 އަހަރުން ދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2023 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.
6 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް އިނާމާއި ހަނދާނީ ލިޔުން ދޭއިރު، އެ ނޫން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވާނެ އެވެ. އަދި މިއިން ކޮންމެ އުމުރުފުރައަކުން 1 ވަނަ، 2 ވަނަ، 3 ވަނަ އަށް އަންނަ ދަރިވަރަކު ހޮވާނެ އެވެ.
މިމުބާރާތުގެ ވަނަވަނައަށް އަންނަ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ ކޮންމެ ގްރޫޕަކުން 1 ވަނަ -/8000ރ، ޓްރޮފީ އާއި ސެޓްފިކެޓް، 2 ވަނަ -/6000ރ، ޓްރޮފީ އާއި ސެޓްފިކެޓް އަދި 3 ވަނަ -/4000ރ، ޓްރޮފީ އާއި ސެޓްފިކެޓެވެ. އަދި މުޅިމުބާރާތުން 1 ވަނަ /25000ރ، ޓްރޮފީ އާއި ސެޓްފިކެޓް، 2 ވަނަ -/15000ރ، ޓްރޮފީ އާއި ސެޓްފިކެޓް އަދި 3 ވަނަ -/10000ރ، ޓްރޮފީ އާއި ސެޓްފިކެޓެވެ.
މި މުބާރާތުގެ ވަނަވަނައަށް އަންނަ ޅެމާއި އަމިއްލަ ރާގަށް ކަނޑައެޅިފައިވާ އިނާމުތަކަކީ 3 ވަނައަށް ހޮވޭ ޅެމާއި ރާގަށް: -/3000ރ، ހަނދާނީ ލިޔުމާއި އިނާމު، 2 ވަނައަށް ހޮވޭ ޅެމާއި ރާގަށް: -/4000ރ، ހަނދާނީ ލިޔުމާއި އިނާމު އަދި 1 ވަނައަށް ހޮވޭ ޅެމާއި ރާގަށް: -/5000ރ، ހަނދާނީ ލިޔުމާއި އިނާމެވެ.
މި މުބާރާތަށް އަލަށް ހުށަހަޅާ ޅެމާއި އަމިއްލަ ރާގުގެ ތެރޭން ވެސް އެންމެ މޮޅު 5 އުފެއްދުން ހޮވައި، 1ވަނަ، 2ވަނަ، 3ވަނަ ހޮވުމަށް ވަނީ ނިންމާފަ އެވެ.
މަދަހަ މުބާރާތުގައި ބައިވެރިވުމަށް ފުރަންޖެހޭ ފޯމުގެ ލިންކް: https://qm1444.malecity.gov.mv/
މީގެ އިތުރުން އެ ކައުންސިލުގެ އިދާރާއަށް ވަޑައިގެން ފޯމު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އިދާރާއިން ފޯމު ދޫކުރާނެ ކަމަށާއި މި ގޮތުން ފުރޭ ފޯމު މާލެ ސިޓީ ކައުންސިލްގެ ބިއުރޯ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސްގެ 3 ވަނަ ފަންގިފިލާ) އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު އަނބުރާ 2:00 އަށް ބަލައިގަންނާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!