ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑރިން ދައުވާގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އިއްޔެ އިއްވި ހުކުމަށްފަހު، ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައިނުވާތީ، އެ ރިޕޯޓު ހޯދުމަށް އިދިކޮޅު ކޯލިޝަނުން ކްރިމިނަލް ކޯޓަށް ހިނގައްޖެ އެވެ.
ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއްް އިއްވާފަ އެވެ.
އިދިކޮޅު ކޯލިޝަނުން ވިދާޅުވީ މިއަދާއި ހަމައަށް ކޯޓުން ހުކުމުގެ ކޮޕީވެސް އަދި ރިޕޯޓު ވެސް ވަކީލުންނަށް ނދީފައި ނުވާ ކަމަށާއި މިއީ މީގެ ކުރިން މައްސަލަތަކުގައި ކޯޓުން އަމަލު ކުރާގޮތް ނޫން ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ނެރެފައިވާ ޕްރެކްޓިސް ޑައިރެކްޝަންގައި ބުނެފައިވާ ގޮތުން ވެސް ހުކުމް ކުރާ ދުވަހު ހުކުމުގެ ކޮޕީ ހަވާލުކުރަންވާނެ ކަމަށް ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގެ ލީޑަރުން، އެ ރިޕޯޓު ހޯދުމަށް މިއަދު ހެނދުނު ކޯޓަށް ދިއުމުން 11 ޖަހާއިރު، ރިޕޯޓު ލިބޭނެކަމަށް ވިދާޅުވި ކަމަށާއި އެކަމަކު އަދިވެސް ނުލިބޭ ކަމަށް ކޯލިޝަނުން ވިދާޅުވި އެވެ.
އެ ކޯލިޝަނުން ވިދާޅުވީ ހުކުމާއި ރިޕޯޓު ދިނުން ލަސްވަނީ އިއްޔެ އިއްވާފައިވަނީ އަވަސް އަރުވާލައިގެން ވަކި ބަޔަކު އެންގި ގޮތަކަށް ލިޔުނު ހުކުމެއް ކަމަށްވާތީ ކަމަށާއި މައްސަލައާއި ގުޅޭ ރިޕޯޓު އެ އާ ހުކުމާއި ގުޅޭ ގޮތަށް މިހާރު ތައްޔާރު ކުރަމުންދާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ކްރިމިނަލް ކޯޓުން، އިއްޔެ ހުކުމް އިއްވުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގެ ލައިވް ވެސް މިހާރު ވަނީ ޔޫޓިއުބުން ނަގާފަ އެވެ.
ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާއެއް ސާބިތުވުމުން ކޯޓުން އިއްވީ 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެކެވެ. ޖޫރިމަނާ ފައިސާ އިއްޔެ ފެށިގެން ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ވެސް އެންގި އެވެ.
ޔާމީނަށް ރިޝްވަތު ދިންކަން ސާބިތުވުުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް އިއްވެވި މި ހުކުމް ދެމި އޮތްހާ ހިނދަކު، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލޭނެ އެވެ.
ދައުލަތުން އެދިފައިވަނީ ޔާމީންގެ މައްޗަށް 19 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވައި ދިނުމަށެވެ. އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ޔާމީންގެ ވަކީލުން ދެކޮޅު ހެދި އެވެ. އެއީ އެ މަރުހަލާ އެހެން ދުވަހަކަށް ފަސްކޮށް ނުދޭތީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!