ހައިކޯޓުގެ ތާރީހު ގައި ފުރަތަމަ ފަހަރަށް އަންހެން ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން މިއަދު ޝަރީއަތެއް ހިންގައިފި އެވެ.
އެ ކޯޓުން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާއާއި އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު އަދި އަލްއުސްތާޛާ ދީބާނާޒް ފަހުމީ ކަމަށެވެ.
ހައިކޯޓުގައި ޖުމްލަ 11 ފަނޑިޔާރުން ހިމެނޭއިރު، މި ތިން ކަނބަލުންނަކީ އެ ކޯޓުގައި ތިއްބަވާ ހަމައެކަނި އަންހެން ފަނޑިޔާރުން ވެސް މެއެވެ.
މިއީ ހައިކޯޓު އުފައްދައިގެން މިވީ 42 އަހަރުގެ ތެރޭގައި އަންހެން ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން ޝަރީއަތެއް ކުރިއަށް ގެންދެވި ފުރަތަމަ ފަހަރެވެ.
ހައިކޯޓުގައި ފުރަތަމަ ފަހަރަށް އެކުލަވާލި އަންހެން ފަނޑިޔާރުންގެ ބެންޗުން ބައްލަވަނީ، އަމިއްލަ މީހަކާއި މޮރިޝަސް ބޭންކާއި ދެމެދު ހިންގާފައިވާ މުއާމަލާތަކާ ގުޅޭ ޝަރީއަތުގެ މައްސަލައެކެވެ.
ހައިކޯޓުގައި މި ވަގުތު ތިން އަންހެން ފަނޑިޔާރުން ތިއްބެވިއިރު, ސުޕްރީމް ކޯޓުގައި ތިއްބެވީ އަންހެން ދެ ފަނޑިޔާރުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!