ސްމާޓް ސިޓީ އެކްސްޕޯ ވާރލްޑް ކޮންގްރެސް 2022 ގައި މާލޭ ސިޓީ ކައުންސިލުން ބައިވެރިވެއްޖެ އެވެ.
ސްޕޭނުގެ ބާސަލޯނާގައި ކުރިއަށްދާ މި ކޮންގްރެެސް ފެށީ އިއްޔެ އެވެ. މި ބައްދަލުވުމުގައި އެ ކައުންސިލްގެ ފަރާތުން ބައިވެރިވެލައްވަނީ ހުޅުމާލޭ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާއު އެވެ.
މި ބައްދަލުވުމުގައި މިއަދު އޮތް ދަންފަޅިތަކުގައި ވަނީ އެ ކައުންސިލްގެ މިދައުރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ މުހިންމު ލަނޑުދަނޑިތަކަށް އަލިއަޅުވާލައްވާފަ އެވެ. އަދި ދުނިޔޭގެ ތަފާތު 70 ޤައުމަކުން ބައްދަލުވުމުގައި ބައިވެރިވަމުންދާ ވަފުދުތަކާ މައުލޫމާތު ހިއްސާ ކޮށްފަ އެވެ.
ކައުންސިލުގެ ތަސައްވުރަށް އެކި ފަރާތްތަކުން ވަނީ ތައުރީފުކޮށް، މާލެ ފަހިކުރުމާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މާލޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މަޝްވަރާ ކުރައްވާފަ އެވެ. އަދި ރައްކާތެރިކަމާއެކު ކުނި ނައްތާލުން ފަދަ ތަފާތު ލަނޑިދަނޑިތައް ހާސިލުކުރުމަށް މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގައި ކުރިއަށްގެންދާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމާމެދު ކައުންސިލުގެ ވަފުދުގެ މެންބަރުންނާ މަޝްވަރާކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެ އެވެ.
މި ކޮންގްރެސްއަކީ ދުނިޔޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ބައްދަލުވުމެވެ. މިފަހަރުގެ ބައްދަލުވުމުގައި އެންމެ އިސްކަންދޭ ޝިއާރަކަށް އިންތިޒާމުކުރި ފަރާތްތަކުން އެކަށައަޅާފައިވަނީ ދަތުރުފަތުރުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމެވެ.
މީގެ އިތުރުން، އދ ގެ ސަސްޓޭނަބަލް ޑިވެލޮޕްމަންޓް ގޯލްސް ހާސިލުކުރުމުގައި ސިޓީތަކުގެ ދައުރަށް ވެސް މި ބައްދަލުވުމުގައި ވަނީ އަލިއަޅުވާލާފަ އެވެ.
ބައްދަލުވުމުގައި މިއަދު އޮންނަ ރީޖަނަލް އަދި ސިޓީ ގަވަރންމަންޓްތަކަށް ހާއްސަ ދަންފަޅީގައި މާލޭ ސިޓީ ކައުންސިލުން ބައިވެރިވާން ވެސް ވަނީ ދައުވަތު ލިބިފަ އެވެ.
ބާސަލޯނާގައި ކުރިއަށްދާ މި ބައްދަލުވުން ނިމެނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!