ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ '' ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022'' ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ފޭދޫ ޓީމުން ކާމިޔާބު ކޮށްފިއެވެ.

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ފޭދޫގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ސިއްރު ފެންފުށީގެ އެޗްއާރު މެނޭޖަރ މަހާތިރުއެވެ.

Ad
rt

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޭދޫއާއި ކަނޑިތީމެވެ. މި މެޗު 22 ލަނޑު 5 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ފޭދޫ ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ފޭދޫ ޓީމްގެ ޖޯޒީ ނަމްބަރު 10، މަރިޔަމް ޝިފާނާއެވެ.

މި މުބާރާތުގައި މާދަމާ ހަތަރު މެޗު ކުޅޭނެއެވެ. އެއީ ގްރޫޕް އޭގައި ދެ މެޗު އަދި ގްރޫޕް ބީގައި ދެމެޗެވެ. ގްރޫޕް އޭގައި މާދަމާ ހަވީރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބިލެއްފައްސާއި ފޯކައިދޫއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ގޮއިދޫއާއި ފޭދޫއެވެ. މި ދެމެޗު ކުޅޭނީ ފޭދޫގައެވެ.

ގްރޫޕް ބީގައި މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނަރުދޫއާއި ޅައިމަގެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ މާއުނގޫދޫއާއި ފުނަދޫއެވެ. މި ދެމެޗު ކުޅޭނީ ޅައިމަގުގައެވެ.

މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ގްރޫޕެއްގައި ހިމެނޭ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ގްރޫޕް އޭގެ އެއްވަނަ ހޯދާ ޓީމް ސެމީގައި ބައްދަލުކުރަން ޖެހޭނީ ގްރޫޕް ބީގެ ދެވަނަ ހޯދާ ޓީމާއެވެ. އަދި ގްރޫޕް އޭގެ ދެވަނަ ހޯދާ ޓީމް ސެމީގައި ބައްދަލުކުރަން ޖެހޭނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއެވެ.

މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.