ޖަރުމަނުގައި ހުންނަ، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މިހާރު ކުރިއަށް ދަނީ ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭ މައްސަލައެއް ކަމަށް އެޓާނީ ޖެނެރަލް ގެ އޮފީހުން ވިދާޅުވެއްޖެ އެވެ.

އެ އޮފީހުގެ މީޑިއާ ގްރޫޕުގައި ވިދާޅުވީ އެއީ މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށާއި މި މައްސަލައިގެ ސްޑޭންޑެއް ބަދަލެއް ނުވާ ކަމަށެވެ. އަދި ރާއްޖެއިން ތިބީ އެއްވެސް ތަނެއް ދޫކޮށްލާ ގޮތަކަށް ނޫން ކަމަށެވެ.

Ad
rt

އޭޖީ އޮފީހުން ވިދާޅުވީ ބަދަލުވީ އދ. ގައި ނަގާ ވޯޓިންގގެ ސިޔާސަތު ކަމަށާއި ޗާގޮސް އިސްތިއުމާރުކޮށްގެން ތިބި، ތިބުމާ ދެކޮޅަށް އދ.ގައި ރާއްޖެއިން ވޯޓު ދޭނެ ކަމަށެވެ. އަދި މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައި، އެކަން ރައީސް ސާލިހު ވިދާޅުވެފައިވާ ކަމަށެވެ.

އިޓްލޮސްގައި އޭޖީ ރިފްއަތު ފާހަގަ ކުރެއްވީ އެ ވާހަކަ ކަމަށާއި ޗާގޮސްއަކީ އެތަނުގެ އަސްލު ވަަޒަންވެރިންނަށް އަނބުރާ ލިބެންޖެހޭ ތަނެއްކަމަށް ރާއްޖެއިން ގަބޫލު ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ) ގެ ދަށުން މައްސަލަ މައުޟޫއީ ގޮތުން އިޓްލޮސްއިން ބަލައި، އެ މުޢާހަދާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ކަނޑައަޅާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ޢާންމު އުޞޫލެއްގެ ގޮތުން މިފަދަ ބައުންޑަރީތައް ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުޞޫލަށް ބިނާކޮށްގެން ކަމަށް ވެސް އޭޖީ އޮފީހުން ވިދާޅުވި އެވެ. އަދި އޭގެ ނަތީޖާއަކަށްވާނީ، މުޢާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ރާއްޖެއަށް އެ ސަރަޙައްދުތަކުގެ މައްޗަށް ސިޔާދަތީ ޙައްޤުތައް ލިބިގެން ދިއުން ކަމަށް ވެސް ވިދާޅުވި އެވެ.

އޭޖީ އޮފީހުން ވިދާޅުވީ އައިސީޖޭ ގެ އެޑްވައިޒަރީ އޮޕީނިއަންއެއް 2019 ގައި ޗާގޮސް ޑީކޮލޮނައިޒޭޝަން މައްސަލައާ ގުޅިގެން ނެރުނު ކަމަށާއި އޭގައިވެސް ޗާގޮސްއަކީ މޮރިޝަސްގެ ތަނެެއްކަމާއި، އިނގިރޭސިވިލާތުން އެތަން މޮރިޝަސްއާ ހަވާލުކުރަންޖެހޭކަމަށް ނިންމާފައިވާ ކަމަށެވެ. އަދި އައިސީޖޭ އަކީ ބައިންއަޤްވާމީ މައްސަލަތައް ބެލުމަށް ޔޫއެން ގެ ޗާޓަރުން އުފައްދާފައިވާ ޖުޑިޝަލް ބޮޑީ އެއް ކަމަށެވެ.

ބައިނަލްއަޤްވާމީ މައްސަލަތަކުގައި ގޮތް ނިންމައި ލަފާ ދިނުމުގެ މެންޑޭޓް އައިސީޖޭގެ އޮންނަ ކަމަށާއި އިންޓަނޭޝަނަލް ކޮނިއުނިޓީގެ ވިސްނުމަކީ ޗާގޮސްއަކީ މޮރިޝަސްގެ ތަނެއްކަމަށް ވެސް އޭޖީ އޮފީހުން ވިދާޅުވި އެވެ. އަދި ޗާގޮސްގެ ޑީކޮލޮނައިޒޭޝަންއަށް ތާއީދުކޮށް 116 ގައުމަކުން ޔޫއެން ޖެނެރަލް އެސެމްބްލީގައި 2019 ވަނަ އަހަރު ވޯޓުލާފައިވާކަން ފާހަގަކުރައްވާ އެ އޮފީހުން ވިދާޅުވީ ރާއްޖޭގެ ޕޮޒިޝަނަކީ އިންޓަނޭޝަނަލް ކޮމިއުނިޓީގެ ވިސްނުމާ އެއްގޮތް ޕޮޒިޝަނެއް ކަމަށެވެ.

ރާއްޖެެއަކީ ޑީކޮލޮނައިޒޭޝަންއަށް އަބަދުވެސް ތާއީދުކުރާ ގައުމެއް ކަމަށާއި ރާއްޖޭގެ ފޮރިން ޕޮލިސީ ސްޓޭޓްމަންޓްތަކުގައި އެގޮތަށް ފާހަގަކޮށްފައިވާ ކަމަށާއި އަދި އިންޓަނޭޝަނަލް ކޮމިއުނިޓީގެ ވިސްނުމާ އެއްގޮތަށް ވޯޓުލުމުން އިންޓަނޭޝަނަލް ކޮމިއުނިޓީގައި ރާއްޖެ ބަލައިގަނެ އެހެން ގައުމުތަކާ އޮންނަ ގުޅުން ރަނގަޅުވާނެތީ، އެގޮތަށް ވޯޓުލުމުން ރާއްޖެެއަށް ލިބޭނީ ފައިދާ ކަމަށް ވެސް އޭޖީ އޮފީހުން ވިދާޅުވެފައި ވެއެވެ.

"އިޓްލޮސް ގައި މިހާރު ކުރިޔަށްދާ މައްސަލައިގައި ޕްރިލިމިނަރީ ނިންމުމުގައިވެސް އިޓްލޮސްއިންވެސްވަނީ އައިސީޖޭގެ 2019 ވަނަ އަހަރުގެ އެޑްވައިޒަރީ އޮޕީނިއަންއަށް ބުރަވެ، ޗާގޮސްއަކީ މޮރިޝަސްގެ ތަނެއްކަމަށް ބުރަވެ، މި މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ނިންމާފައި. ޗާގޮސްގެ ޑީކޮލޮނައިޒޭޝަން މައްސަލައިގައި ރާއްޖޭން ވަކި ގޮތަކަށް ވޯޓު ލުމުގެ ސަބަބުން އިޓްލޮސްގައި ކުރިޔަށްދާ، ޗާގޮސްއާ ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑއެޅުމުގެ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ." އޭޖީ އޮފީހުން ވިދާޅުވި އެވެ.

ހަމަމިއާއެކު އެ އޮފީހުން ވިދާޅުވީ ރާއްޖެއިން މޮރިޝަސްއަކާ އެއްކޮޅަކަށް އާބިޓްރޭޝަން މައްސަލައިގައި ނާރާ ކަމަށާއި ޔޫއެން ޖެނެރަލް އެސެމްބްލީގައި ޗާގޮސް ޑީކޮލޮމައިޒޭޝަންއާ އެއްކޮޅަށް ވޯޓު ދިނުމަކީ އާބިޓްރޭޝަންގައި އެއްކޮޅަށް އެރުމެއް ނޫން ކަމަށެވެ. އަދި ފުށުއަރާ މައްސަލަ ހައްލުކުރާނީ ބައިނަލްއަޤްވާމީ ގާނޫނާ އެއްގޮތަށް ކަމަށް ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮންނަކަމަށް ވެސް ވިދާޅުވި އެވެ.