އޮޑިޓް އޮފީހުގެ އަންނައަހަރުގެ ބަޖެޓަކީ 93.4 މިލިއަން ރުފިޔާ ކަމަށް ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން އެ ބަޖެޓު ފާސްކުރައްވައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް އޮޑިޓާ ޖެނެރަލްގެ އޮފީހުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި 95 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ކުރިއަށް އޮތް އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ދައުލަތުގެ ބަޖެޓަށްވުރެން ކުރިން އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓު، މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިގެން ފާސްކުރަން ޖެހޭއިރު، ކޮމިޓީން ފާސް ކުރުމަށްފަހު އެ ބަޖެޓް، ދައުލަތުން މަޖިލީހަށް ހުށަހަޅާ ބަޖެޓުގެ ތެރޭގައި ހިމަނަ އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ ހޯމަ ދުވަހު، 95 މިލިޔަން ރުފިޔާގެ ބަޖެޓެއް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅިއިރު، ރިކަރަންޓް ހަރަދުގެ ގޮތުގައި 62 މިލިޔަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 32.4 މިލިޔަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
ފިނޭންސް މިނިސްޓްރީން އޮޑިޓް އޮފީހަށް ރިކަރަންޓް ހަރަދުގެ ގޮތުގައި ދީފައިވާ ސީލިން އަކީ 57.5 މިލިޔަން ރުފިޔާ ކަމަށާއި ނަމަވެސް އެކަމަށް 62 މިލިޔަން ރުފިޔާ ހިމަނާފައިވާތީ، އޮޑިޓް އޮފީހުގެ އިސް ފަރާތްތަކާ މަޝްވަރާކުރުމުން، 60.5 މިލިޔަނަށްވުރެ ރިކަރަންޓް ހަރަދުގެ ބަޖެޓް ކުޑަކޮށްފިނަމަ އޮޑިޓްތައް މެނޭޖުކޮށް ކަންކަން ކުރުމަށް ގާނޫނީ ގޮތުން އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ބުނެފައިވާކަމަށް މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވަނީ ވިދާޅުވެފަ އެވެ.
އެކަމާގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ މަޝްވަރާ ކުުރުމުން، 61 މިލިޔަނަށް ރިކަރަންޓް ބަޖެޓަށް ބަދަލު ގެނެސްދެއްވި ކަމަށް ވެސް ނާޝިޒު ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި، ފިނޭންސް މިނިސްޓްރީން އިސްލާހު ގެނައިގޮތަށް ރިކަރަންޓްގެ ހަރަދަށް 61 މިލިޔަން ރުފިޔާ ފާސްކޮށްދިނުމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ހުށަހެޅުއްވުމުން، އެކަމަށް ތާއީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އެވެ.
ކެޕިޓަލް ހަރަދުގެ ގޮތުގައި، 32.4 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނަން މެންބަރު ޔާސިރު ހުށަހެޅުއްވުމުން ތާއީދު ކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މިއަހަރުގެ ބަޖެޓަކީ 90.3 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!