އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އިތުރު ދައުރަކަށް އިންތިޚާބުވެއްޖެނަމަ، ހދ. ހަނިމާދޫ މީހުން އެ ރަށުން ބާލާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޢަބްދުުﷲ ޔާމީން ޢަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ހއ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ ހަނިމާދޫގެ ކުރިމަގަށް އެންމެ މުހިއްމު ކަމަކީ އެ ރަށަކީ އެ ރަށުގެ ރައްޔިތުންގެ ތަނެއްގެ ގޮތުގައި އޮތުން ކަމަށެވެ.
އެގޮތުން އެ ރަށުގެ އެއާޕޯޓު ބޮޑުވޭތޯ ނުވަތަ ނޫންތޯ ބެލުމަށް ވުރެ، އެރަށުގެ ރައްޔިތުންނަށް މިހާރު މުހިންމީ އެ ރަށަކީ ހަނިމާދޫގެ ރައްޔިތުންގެ ބާރު ހިނގާ ތަނެއްގެ ގޮތުގައި ބޭއްވުން ކަމަށް ޔާމީން ވިދާޅުވިއެވެ.
"މިހާރު އޮތް ސަރުކާރަށް ވޯޓުލައިގެން ދިވެހި ރައްޔިތުން އަނެއްކާ ވެސް އެ ސަރުކާރު ދަމަހައްޓައިފި ކަމަށްވަންޏާ ހަނިމާދޫން ހަނިމާދޫ ރައްޔިތުން ބާލާނެ. އެއީ ޝައްކެއް އޮތް ކަމެއް ނޫން. އެތަނަކީ އިންޑިއާ ތަނެއް"
އިދިކޮޅު ކޯލިޝަނުގެ ފަރާތުން އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމާފައިވާ ޔާމީން ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް އެންމެ މުހިއްމު ކަމަކަށް ވާން ޖެހޭނީ އަމިއްލަ ސަގާފަތާއި ދީނާއެކު ރަށްރަށުގައި ތިބުން ކަމަށެވެ.
"އެއް ދީނެއްގައި، ގަބޫލު ކުރާ އެއް އުސޫލުތަކެއްގެ މަތީގައި އަޅުގަނޑުމެން ތިބީމަ މިއަދުވެސް މިއޮތީ އެއް ދިވެހިރާއްޖެއެއްގެ ގޮތުގައި"
ޔާމީން ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ޔާމީން ދެއްކެވި ވާހަކަފުޅުގައި ވަނީ ދިވެހި ސަރުކާރުގެ ތެރެއަށް އިންޑިއާގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވާ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވާފައެވެ.
މީގެ އިތުރުން މަސްވެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައިދީފައި ނުވާ ކަމަށް ވިދާޅުވެ، އެ ސިނާއަތަށް ބޮޑު އިސްކަމެއް ދީގެން ޕީޕީއެމްގެ މެނިފެސްޓޯ އެކުލަވާލައްވަމުން ދާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން، ޔާމީން ވިދާޅުވީ، ރަނގަޅަށް ތަރައްގީ ކުރެވިއްޖެ ނަމަ، މަސްވެރިކަމުގެ ސިނާއަތް މިހާރަށް ވުރެ އެތައް ގުނައެއް ބޮޑު ސިނާއަތަކަށް ހެދޭނެ ކަމަށެވެ.
"މަސްވެރިކަމުގެ ސިނާއަތަކީ އެއްގޮތަކަށް ވެސް ފަތުރުވެރިކަމުގެ ފަހަތުގައި އޮންނަންޖެހޭ ސިނާއަތެއް ނޫން"
ރައީސް ޔާމީން ވިދާޅުވިއެވެ.
އެމްޑީޕީ އިތުރު ދައުރަކަށް އިންތިޚާބުވެއްޖެނަމަ، ހަނިމާދޫއިން މީހުން ބާލާނެ ކަމަށް ޔާމީން ވިދާޅުވެފައިވާއިރު، އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިނުން ފަންޑުކޮށްގެން ހިންގާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އާއެކު، މިދިޔަ މަހުގެ ތެރޭ ވަނީ ސޮއިކޮށްފައެވެ.
137 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއުގެ ދަށުން އެ އެއާޕޯޓުގައި 2.46 ކިލޯމީޓަރުގެ ރަންވޭއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްގީކުރާ މި އެއާޕޯޓުން އެއާބަސްގޭ އޭ320 އަދި ބޮއިންގް 737 މޮޑެލްގެ މަތިންދާ ބޯޓުތަކަށް ޚިދުމަތް ދެވޭނެކަމަށް ސަރުކާރުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!