އަންނަ 2020 ވަނަ އަހަރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) ކުރިއަރާ ނިސްބަތް ހުންނާނީ 7.5 ޕަސެންޓްގައި ކަމަށް ސަރުކާރުން އަންދާޒާކޮށްފި އެވެ.
މި އަހަރު ރާއްޖޭގެ ޖީޑީޕީގެ ކުރިއެރުން ހުންނާނީ 5.2 ޕަސެންޓްގައި ކަމަށް ފިނޭންސް މިނިސްޓްރީ އާއި ވޯލްޑް ބޭންކުން ވެސް ވަނީ ލަފާކޮށްފައިވާއިރު މިއީ، ކުރީގެ އަންދާޒާތަކަށް ވުރެ ދަށް އަދަދެކެވެ.
ރާއްޖޭގެ ޓޫރިޒަމް ސިނާއަތު އޮތީ ދުޅަހެޔޮކަން މަތީގައި ކަމަށް ވުމާ އެކު، އެ ދާއިރާގެ ކުރިއެރުން އަންނަ އަހަރު 2.6 ޕަސެންޓްގައި ހިފެހެއްޓޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2020 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވަނީ ބުނެފައެވެ.
އަދި ރާއްޖޭގައި މި އަހަރު އިގްތިސާދީ ކުރިއެރުން މަޑުޖެހެން މެދުވެރިވި އެންމެ ބޮޑު ސަބަބު ކަމަށްވާ އިމާރާތްކުރުމުގެ ދާއިރާ އަށް އައިސްފައިވާ ހީނަރުކަމުން ކޮންމެވެސް ވަރަކަށް އަރައިގަނެވި، ކޮންސްޓްރަކްޝަން ސިނާއަތް ވެސް އަންނަ އަހަރު 1.1 ޕަސެންޓްގައި ކުރިއަރާނެ ކަމަށް އެ މިނިސްޓްރީން ލަފާކޮށްފައިވެ އެވެ.
އަންނަ އަހަރު ތަކެތީގެ އަގު ނުވަތަ އިންފްލޭޝަން ދަށަށް ގޮސް، އެއް ޕަސެންޓްގައި ހިފެހެއްޓޭނެ ކަމަށް ވެސް ބަޖެޓްގައި ވަނީ އަންޒާދާކޮށްްފައި ވާއިރު އެހެނިހެން ދާއިރާތަކުގެ ކުރިއެރުން އަންނަ އަހަރު ހުންނާނ،ީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 3.8 ޕަސެންޓުގައި ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގެ ޖުމްލަ އަކީ 37.5 ބިލިއަން ރުފިޔާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!