ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، ހެއްކާބެހޭ ޤާނޫނުގައި ހިމެނޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ މާއްދާ އިޞްލާޙުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފި އެވެ.
އެޓަރނީ ޖެނެރަލް ގެ އޮފީހުން ވިދާޅުވީ އެ ބިލުް ރައީސް އޮފީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ، ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަޞްދަރު ހާމަކުރުމަށް ލާޒިމުކުރާ ޙާލަތްތައް މިހާރު އެ ޤާނޫނުގައި އޮތްގޮތުން، ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމެވެ.
އެގޮތުން، އެ ބިލުން ބުނެވިދިޔަ ޤާނޫނަށް ގެނައުމަށް ހުށަހަޅާ އިޞްލާޙުތަކުގެ ތެރޭގައި، ޤާނޫނުގެ 136 ވަނަ މާއްދާގައި، ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަޞްދަރު ހާމަކުރުމަށް ލާޒިމުކުރާ ޙާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް އިތުރަށް ސާފުވާނެ ފަދައިން ޤާނޫނުގައި މާނަކޮށްދިނުން ހިމެނެ އެވެ.
މީގެ އިތުރުން ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަޞްދަރު ހާމަކުރަން ލާޒިމުކުރެވޭނީ، ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް، ހައިކޯޓުން ކުރާ އަމުރަކުން ކަމުގައި ކަނޑައެޅުމަށާއި، އެފަދަ އަމުރެއް ނެރުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންކަން ޤާނޫނުގައި ކަނޑައެޅުމަށް ހުށަހަޅާ އިޞްލާޙުތައް ހިމެނެ އެވެ.
ހެއްކާބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާއާއިމެދު ނޫސްވެރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކަންބޮޑުވުންތައް ހިމަނައި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިސްވެ އޮވެ، 158 ނޫސްވެރިން ސޮއިކޮށް ރައީސަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ. މި ޕެޓިޝަން ހުށަހަޅާފައި ވަނިކޮށް ރައީސް މި ބިލް ރައީސް ތަސްދީގު ކުރެއްވީ، މިދިޔަ ޖުލައި 18 ވަނަ ދުވަހު އެވެ.
މި ގާނޫނުގެ 136 ވަނަ މާއްދާގައި މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރަންޖެހޭ، ޓެރަރިޒަމާއި ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތައް ބުނެދީފައިވާއިރު، އެ ގާނޫނު މިހާރު އޮތްގޮތުން، ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ޓެރަރިޒަމް އަދި ގައުމީ ސަލާމަތާ ގުޅޭ މައްސަލަތަކަކީ ކޮބައިކަމެއް ތަފްސީލު ކޮށްދީފައި ނުވުމުން ކަމަށް އަންނަނީ ބުނަމުން ނެވެ.
ހެއްކާއިބެހޭ ގާނޫނުގައި ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަތު ހާމަކުރަން މަބޫރުވާގޮތަށް އޮތުމުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެ ގާނޫނު އިސްލާހުކުރަން ނިންމަވާފައިވާ ކަމަށް، ރާއްޖޭގެ ފުރަތަމަ ބްރޮޑްކާސްޓް އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
މި ގާނޫނުގެ މި މާއްދާއާއިމެދު ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!