އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން ބަންޑުން ޖަހާލި ބޯޓުން ކަނޑުވި ހަ ފަޅުވެރިން ރޭ މާލެ ގެނެސްފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
މިބޯޓު އިންޑިއާގެ ޓުޓްކޮރިން އިން ފުރާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އެބޯޓުން ޖުމްލަ 7 މީހުން ދަތުރުކުރި އެވެ. އޭގެ ތެރެއިން އެކަކު ގެއްލިގެން ހޯދުމުގެ މަސައްކަތްކުރަމުން ދަނިކޮށް، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "ހަކުރާ" ލޯންޗަށް އެ މީހާ ފެނިފައިވަނީ އިއްޔެ 17:25 ހާއިރުއެވެ.
އެމްއެންޑީއެފްއިން ބުނީ މި މީހުން މާލެ ގެނެސްދީފައި ވަނީ އެ ބޯޓު އަޑިއަށް ދިޔަ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓުގައި ރޭ 23:45 ހާއިރުކަމަށެވެ.
މި ބޯޓުގައި ދަތުރުކުރި ފަޅުވެރިންނަކީ އިންޑިޔާއަށް ނިސްބަތްވާ ބައެކެވެ. މި މީހުން މާލެ ގެނެވުނު އިރު އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުން މި މީހުންނާ ގުޅުންހުރި ކަންކަން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!