ށ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން "މިލައުތުރު ހޭންޑްބޯލް މުބާރާތް" ގެ ނަމުގައި އަގުބޮޑު ހޭންޑްބޯލް މުބާރާތެއް އެ އަތޮޅުގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މި މުބާރާތަކީ ށ. އަތޮޅުގެ އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ. އަންނަ އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހު، ފަށަން ނިންމާފައިވާ މި މުބާރާތުގައި އެ އަތޮޅުގެ 10 ރަށަކުން 10 ޓީމް ވަނީ ބައިވެރިވެފަ އެވެ.
ށ. އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ދެ ގުރޫޕަކަށް ބަހާލައިގެން، ތިން ރަށެއްގަ އެވެ. އެއީ ފޭދޫ، ނަރުދޫ އަދި ޅައިމަގު ގައެވެ. ށ. އަތޮޅު ކައުންސިލުން ވިދާޅުވީ، މި ރަށްތައް ހަމަޖައްސާފައިވަނީ ދަތުރުފަތުރާއި އެހެނިހެން ގޮތްގޮތުން ބެލުމަށްފަހު ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް އެލަވަންސެއްގެ ގޮތުގައި -/3000 ރުފިޔާ ދޭއިރު، މި މުބާރާތުގެ ޗެމްޕިއަން ޓީމަށް -/35000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ރަނަރަޕް ޓީމަށް -/15000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.
ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގައި ހޭންޑްބޯލް ކޯޗުން ތަމްރީނުކޮށްފި
މި މުބާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ދަނޑުތައް ތައްޔާރު ކުރުމާއި މުބާރާތުގެ ރެފްރީން ވެސް ހަމަޖައްސައިދީފައި ވަނީ ފުލުހުންގެ ފަރާތުން ކަމަށް ކައުންސިލު އިދާރާ އިން ވިދާޅުވެއެވެ. އަދި މި މުބާރާތަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެން، މިނިސްޓްރީ އޮފް ޓޫރިޒަމްގެ އެހީތެރި ކަމާއެކު ބާއްވާ މުބާރާތެއް ކަމަށް ކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ ގެ ގޮތުގައި ހަމަޖައްސާފައި ވަނީ ވެސް ޓޫރިޒަމް މިނިސްޓްރީ އެވެ.
މިއަހަރު ޖޫން މަހު، ށ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އެ އަތޮޅު ވެރިރަށް ފުނަދޫގައި އަތޮޅު ކައުންސިލުން ވަނީ ހޭންޑް ބޯލް ކޯޗިންގ ކޯހެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މި ކޯހަކީ، ށ. އަތޮޅު ކައުންސިލުގެ މި އަހަރުގެ ބަޖެޓްގައި ހިމަނައިގެން ށ. އަތޮޅުކައުންސިލާއި، ހޭންޑްބޯލް މޯލްޑިވްސް އާއި، މޯލްޑިވްސް އިންސްޓިޓިއުޑް އޮފް ސްޕޯޓްސް އާއި، ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. މިކޯހުގައި އެ އަތޮޅުގެ 11 ރަށަކުން 24 ބައިވެރިން ކޯސް ފުރިހަމަކޮށްފައިވާއިރު 20 ބައިވެރިންވަނީ ސެޓްފިކެޓް ޙާޞިލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!