ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްގެ ސޯޝަލިސްޓް އިއްތިހާދުގެ ސަރުކާރު ދެމިއޮންނާނެތޯ ނުވަތަ ކޮންޒަވޭޓިވް އަދި ކަނާތުފިޔައިގެ ހަރުކަށި އިއްތިހާދަކަށް ވެރިކަން ބަދަލުވާނެތޯ ކަނޑައަޅާ ކުއްލި އާންމު އިންތިޚާބުގެ ވޯޓުލުން އެ ގައުމުގައި މިއަދު ފަށައިފިއެވެ.
ސްޕެއިންގެ އެކި ކަންކޮޅުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ގިނަ އަދަދެއްގެ ރައްޔިތުން މިހާރު ދަނީ ވޯޓު ދިނުމަށް ޕޯލިން ސްޓޭޝަންތަކަށް ހާޒިރުވަމުންނެވެ.
މި އިންތިޚާބުގެ ވޯޓުލުން ހެނދުނު 9:00 (ޖީއެމްޓީން 08:00) ގައި ފަށާފައިވާއިރު، ޖުމްލަ 11 ގަޑިއިރަށްފަހު ވޯޓުލުން ބަންދުކުރާނީ މިރޭ 8:00 (ޖީއެމްޓީން 19:00) ގައެވެ. އިންތިޚާބުގައި ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ ވެރިރަށް މެޑްރިޑްގެ ވޯޓުލާ މަރުކަޒަކަށް ވަޑައިގެން ވޯޓު ދެއްވާފައެވެ. އެމަނިކުފާނަކީ ވޯޓުލުން ފެށުމާއެކު އެންމެ ފުރަތަމަ ވޯޓުލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅެކެވެ. ވޯޓުލުން ނިމުމާ އެކު ރަސްމީ ވަގުތީ ނަތީޖާތައް އިއުލާނުކުރަން ފަށާނެ ކަމަށާއި، ދަންވަރު 12:00 ގެ ކުރިން އިންތިޚާބުގެ މުޅި މަންޒަރު ސާފުވާނެ ކަމަށް ބެލެވެއެވެ.
ކުއްލި އިންތިޚާބެއް ބާއްވަން ނިންމެވިކަން ބޮޑުވަޒީރު ސަންޗޭޒް އިއުލާނުކުރެއްވީ މިދިޔަ މަހުގެ ތެރޭގައެވެ. އެއީ، ސްޕެއިންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އެމަނިކުފާނުގެ ވާތުފިޔައިގެ ސަރުކާރުން ގާނޫނުހަދާ މަޖިލީހަށް ހުށަހެޅި އިސްލާހުތަކާ ދެކޮޅަށް ކަނާތުފިޔައިގެ ޕާޓީތަކުން ވޯޓުދީ، އެ ބިލުތައް ފާސްނުކޮށް ބޭރުކޮށްލުމާ ގުޅިގެންނެވެ.
މި އިންތިޚާބުގައި ވާދަކުރާ މައިގަނޑު ޕާޓީތަކުގެ ތެރޭގައި ސަންޗޭޒް ނިސްބަތްވެވަޑައިގަންނަވާ ސެންޓަ-ލެފްޓް ސޯޝަލިސްޓް ޕާޓީ (ޕީއެސްއޯއީ) ހިމެނެއެވެ. ވެރިކަމުގައި އަށް އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ ސަންޗޭޒަކީ 1978 ވަނަ އަހަރުގެ ފަހުން ސްޕެއިންގައި ފެލީޕޭ ގޮންޒާލޭޒްއަށް ފަހު ދެވަނައަށް އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ލީޑަރެވެ. އޭނާއާ އެންމެ ބޮޑަށް ވާދަކުރަނީ 2022 ވަނަ އަހަރުން ފެށިގެން އަލްބާޓޯ ނޫނޭޒް ފެއިހޯ ލީޑުކުރައްވާ ސެންޓަ-ރައިޓް ޕީޕަލްސް ޕާޓީ (ޕީޕީ) އެވެ. އެ ޕާޓީން 2023 ގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ނަމަވެސް، ސަރުކާރެއް އެކުލަވައިލެވޭ ވަރަށް އެހެން ޕާޓީތަކުގެ ތާއީދެއް ނުލިބުނެވެ.
މީގެ އިތުރުން ޕީޕީ ދޫކުރައްވައި ސަންތިއާގޯ އަބަސްކާލް 2014 ވަނަ އަހަރު އުފެއްދެވި ހަރުކަށި ކަނާތުފިޔައިގެ ޕާޓީ ވޮކްސް (މިހާރު ސްޕެއިންގެ ތިންވަނައަށް އެންމެ ބޮޑު ޕާޓީ) އާއި، 2023 ވަނަ އަހަރުން ފެށިގެން ސަންޗޭޒްގެ ސަރުކާރުގައި ހިމެނުނު ސުމާރް ގެ ބަދަލުގައި ބާސެލޯނާގެ ކުރީގެ މޭޔަރު އަދާ ކޮލައު އިސްވެ އުފެއްދެވި ވާތުފިޔައިގެ އިއްތިހާދު ބްރޯޑް ފްރަންޓް (ފްރެންޓޭ އަމްޕްލިއޯ) ވެސް އިންތިޚާބުގައި ވާދަކުރެއެވެ. އަދި އީއެޗް ބިލްދޫ، ބީއެންޖީ، ޕީއެންވީ، އަދި އީއާރްސީ ފަދަ ސަރަހައްދީ ޕާޓީތަކުން މައިގަނޑު ގޮތެއްގައި ސަންޗޭޒްއަށް ތާއީދުކުރާއިރު، 2023 ގައި ސަންޗޭޒްގެ ވެރިކަމަށް ތާއީދުކުރި ނަމަވެސް ފަހުން އޭނާގެ ސަރުކާރާ ދެކޮޅަށް ވޯޓުދެމުން އަންނަ ޖުންޓްސް ފަދަ ސަރަހައްދީ ޕާޓީތަކަކީވެސް ސަރުކާރެއް އެކުލަވައިލުމުގައި މުހިންމު ދައުރެއް އަދާކުރާނެ ފަރާތްތަކެކެވެ.
އިންތިޚާބުގެ ކުރިން ނެގުނު ހިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި ޕީޕަލްސް ޕާޓީ (ޕީޕީ) އަށް ގިނަ ގޮނޑިތައް ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް، 350 ގޮނޑީގެ މައްޗަށް އެކުލެވޭ ކޮންގްރެސް އޮފް ޑެޕިއުޓީސްގެ އަޣުލަބިއްޔަތު ކަށަވަރުކުރުމަށް އެ ޕާޓީއަށް ހަރުކަށި ވޮކްސް ޕާޓީގެ އެހީ ބޭނުންވާނެއެވެ. ބައެއް ސާވޭތަކުން ލަފާކުރާ ގޮތުގައި ވޯޓުލާ ނިސްބަތް 74 އިންސައްތައަށް އަރާނެ ކަމަށް ބެލެވޭއިރު، މިއީ އެތައް އަހަރެއްގެ ތެރޭގައި ރެކޯޑު ކުރެވިފައި ނުވާ ވަރުގެ މަތީ އަދަދެކެވެ. ސަންޗޭޒް އުންމީދު ކުރައްވަނީ ވޯޓުލާ މީހުންގެ އަދަދު އިތުރުވުމަކީ، އޭނާގެ ޕާޓީ ދެވަނައަށް ގޮސް ސަރުކާރެއް އެކުލަވައިނުލެވޭނެ ކަމަށް ކުރެވިފައިވާ އަންދާޒާތައް ބަދަލުކޮށްލަން ލިބޭނެ ފުރުސަތެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!