ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން، ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރުންނަށް ޚާއްޞަކޮށްގެން ފޮރެންސިކް ތަހުލީލުތަކާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ހިންގައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ޕްރޮސިކިއުޓަރުން ފޮރެންސިކް އެކި ދާއިރާތަކަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ފުލުހުން ބުނިގޮތުގައި މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ޑިޖިޓަލް ފޮރެންސިކްސްއާއި، ފިންގަރ ޕްރިންޓް އެނާލިސިސްގެ އިތުރުން މަސްތުވާތަކެތި ނުވަތަ ޑްރަގް އެނާލިސިސް އަދި ޑީއެންއޭ އެނާލިސިސްއާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ފޯރުކޮށްދީފައެވެ.
މަޢުލޫމާތު ދިނުމުގެ ސެޝަންތަކުގެ އިތުރުން، ފޮރެންސިކް ތަހުލީލު ރިޕޯޓް އިންޓަރޕްރިޓްކުރާނެ ގޮތްތަކާއި، ކޯޓުތަކުގައި ފޮރެންސިކް އެނަލިސްޓެއްގެ ހެކިބަސް ނެގުމާ ގުޅޭ ޕްރެކްޓިކަލް ސެޝަނެއް ވެސް މި ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ ކުރިއަށް ގެންގޮސްދީފައެވެ.
މި ޓްރެއިނިންގ ކުރިއަށް ގެންދިއުމުގެ މައިގަނޑު މަޤްޞަދަކީ ފޮރެންސިކް ތަހުލީލުތައް ކުރިއަށްގެންދާ ގޮތްތަކާއި، އެކަމުގައި ބޭނުންކުރާ މެތޮޑޮލޮޖީ އަދި ތަހުލީލުތަކުގައި ޢަމަލުކުރާ އިޖުރާއަތްތަކާއި މިންގަނޑުތަކަށް ޕްރޮސިކިއުޓަރުން އަހުލުވެރިކުރުވުމެވެ. އަދި ފޮރެންސިކް ރިޕޯޓުތައް ރަނގަޅަށް ދެނެގަނެ، އެ ރިޕޯޓުތައް އިންޓަރޕްރިޓްކުރުމުގެ ޤާބިލުކަން އިތުރުކުރުން ވެސް މި ތަމްރީނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެއިތުރުން، ޝަރީޢަތަށް ފޮރެންސިކް ހެކި ހުށަހަޅާ މައްސަލަތަކުގައި، އެނަލިސްޓުންގެ ހެކިބަސް އެންމެ އެކަށީގެންވާ ގޮތެއްގައި ހޯދުމަށާއި، ޝަރީޢަތުގެ މަރުޙަލާގައި ފޮރެންސިކް ހެކި އެންމެ ފުރިހަމައަށް ބޭނުންކުރުމަށްޓަކައި ބޭނުންވާ ފޮރެންސިކް ތަހުލީލުތަކާ ގުޅޭ މަޢުލޫމާތުތަކަށް ޕްރޮސިކިއުޓަރުން އަހުލުވެރިކުރުވުމަކީ ވެސް މި ޕްރޮގްރާމްގެ މުހިންމު ބޭނުމެކެވެ.
ނޮވެންބަރު 21، 22 އަދި 28 ވަނަ ދުވަހު ޕީޖީ އޮފީހުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެ އޮފީހުގެ 20 މުވައްޒަފަކު ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވީ ފޮރެންސިކް ސަރވިސަސްގެ ސެންޓްރަލް ފޮރެންސިކް ލެބޯޓަރީތަކުގެ ފޮރެންސިކް އެނަލިސްޓުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!