ރާއްޖޭގައި ފާޙިޝު ޢަމަލުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ، ގިނަ ބަޔަކު ނުރައްކާތެރި ބަލިތަކުގެ ޝިކާރައަކަށްވެ މުޅި ރާއްޖެ ޞިއްޙީ ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ސަމާލުގެ މެސެޖެއް ދީފިއެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚުޠުބާ ޚާއްޞަކޮށްފައި ވަނީ "ފާޙިޝު ޢަމަލުތަކާ ދުރުހެލިވާށެވެ" މި މައުޟޫޢަށެވެ.

ޚުޠުބާގައި ބުނީ، މިއަދު ދުނިޔޭގައި ވިޔަފާރީގެ އުޞޫލުން ފާޙިޝު ޢަމަލުތައް ހިންގާ މީހުން ނުހަނު ގިނަ ކަމަށާއި، އެ މީހުން އެ ކަން ހިންގަނީ އެކިއެކި މަންސަތަކުގައި އަގުތަކާ އެކު އިޢުލާނުކޮށްގެން ފާޅުގައި ކަމަށެވެ. އެހެންކަމުން މިފަދަ ނުރައްކާތެރި ވަބާތަކުން ޤައުމު ސަލާމަތްކުރުމަށް މައިންބަފައިންނާއި ބެލެނިވެރިންނާއި، މުދައްރިސުންނާއި މުރައްބީން އަދި އެކިއެކި މުއައްސަސާތަކުގެ މަސްއޫލުވެރިން ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ.

ފާޙިޝު ޢަމަލުތަކަކީ އޭގެ ސަބަބުން ޠާޢޫނު ބައްޔާއި ވޭންދެނިވި އެތައް ބައްޔެއް ފެތުރޭ ކަމެއްކަން ބަޔާންކޮށް ޚުޠުބާގައި ބުނީ، މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައި އެޗްއައިވީ ވައިރަހާއި އެއިޑްސް ބައްޔާއި މި ނޫން ވެސް ނުރައްކާތެރި އެތައް ބައްޔެއް އެންމެ ގިނައީ އެއްޖިންސުން ގުޅުން ހިންގާ ޒުވާނުންގެ ތެރޭގައި ކަމަށެވެ. އަދި ފާޙިޝު ޢަމަލުތަކުގެ ސަބަބުން އެޗްއައިވީއާއި އެއިޑްސްގެ އިތުރުން، ލެޔާއި ހަށިގަނޑުގެ ދިޔައިގެ ޒަރީޢާއިން ފުރަމެއަށް ޖެހޭ ނުރައްކާތެރި ބަލިތައް ފަސޭހައިން ފެތުރޭ ކަމަށް ވެސް ބުންޏެވެ.

އިސްލާމްދީނުގައި ފާޙިޝު ކަންކަމޭ ކިޔަނީ ބަހާއި ޢަމަލުގެ ތެރެއިން އޭގެ ހުތުރުކަމާއި ފާފަ ބޮޑުވެގެންވާ ކޮންމެ ކަމަކަށް ކަމަށާއި، ސިއްރުގައި ވިޔަސް އަދި ފާޅުގައި ވިޔަސް އެފަދަ ޢަމަލުތައް ކުރުން މާތް ﷲ ޙަރާމްކުރައްވާފައިވާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. މީގެ އިތުރުން ފާޙިޝު ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ފާފަވެރިކަން ބޮޑު ޢަމަލުތަކުގެ ތެރޭގައި ޒިނޭއާއި، ލިވާޠާއި، ސިޙާޤު ހިމެނޭއިރު، މުއުމިނުންގެ ތެރޭގައި އެކި ސިފަސިފައިގައި ފާޙިޝު ކަންތައްތައް ފަތުރާ މީހުންނަށް ދެ ދުނިޔޭގައި ވެސް ގަދަފަދަ ވޭންދެނިވި ޢަޛާބު ހުރިކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.

އިންސާނާގެ ޠަބީޢަތުގައިވާ ޣަރީޒާތަކަށް އިޖާބަދިނުމުގައި އިސްލާމްދީން ހުއްދަކޮށްފައިވާ ގޮތް އިޚުތިޔާރުކުރުމަށް ގޮވާލަމުން ޚުޠުބާގައި ބުނީ، މާތް ﷲ ދެ ޖިންސުން އިންސާނުން އުފެއްދެވީ އެބައިމީހުންގެ ނަސްލު ދެމެހެއްޓުމަށާއި ޙަލާލު ގޮތުގައި ޒަވާޖީ ޙަޔާތުގެ އުފާ ލިބިގަތުމަށް ކަމަށެވެ. އެހެންކަމުން އިސްލާމްދީން ބާރުއަޅަނީ ކުޅަދާނަކަން ހުރި ނަމަ ކައިވެނިކުރުމަށާއި، ކުޅަދާނަކަން ނެތް ނަމަ ޝަހުވާނީ އެދުންތަކުން ރައްކާތެރިވުމަށް ޓަކައި ރޯދަހިފުމަށް ކަމަށް ބަޔާންކުރިއެވެ.

މީގެ އިތުރުން، ލިވާޠުކުރުން ފަދަ ބަދުއަޚުލާޤީ ޢަމަލުތަކުގެ ސަބަބުން ލޫޠުގެފާނުގެ ޤައުމުގެ މީހުންނަށް މާތް ﷲ ފޮނުއްވި ވޭންދެނިވި ޢަޛާބުން ޢިބުރަތް ޙާޞިލުކުރުމަށް ޚުޠުބާގައި ވަނީ ގޮވާލައިފައެވެ. ދުނިޔޭގެ އުފަލާއި އަރާމަކީ ވަގުތީ ކަމެއްކަން ފާހަގަކޮށް، މާތް ﷲ ޙަރާމްކުރެއްވި މަގަކުން އެއްވެސް އުފަލެއް ޙާޞިލުނުކުރުމަށާއި، ކީރިތި ރަސޫލާ ދެއްކެވި ނަމޫނާގައި ހިފަހައްޓައި، އެކަލޭގެފާނު ދޫކުރެއްވި ތަރިކަ ކަމުގައިވާ ޤުރުއާނާއި ސުންނަތުގައި ވަރުގަދައަށް ހިފެހެއްޓުމަށް ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.