ހއ. ދިއްދޫ ފްލެޓް ސަރަހައްދުގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފިއެވެ.

ދިއްދޫ ކައުންސިލުން މައުލޫމާތުގައިވާ ގޮތުގައި ޕާކު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން 18:00 އަށެވެ.

މިއީ އެ ރަށުގެ ކުޑަކުދިންނަށް ހިތްފަސޭހަ މާހައުލެއްގައި ކުޅެ މަޖާކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތަރައްޤީކޮށްފައިވާ ތަނެކެވެ.

މީގެއިތުރުން، ޕާކު ބޭނުންކުރައްވާ ފަރާތްތަކުން ނަމާދު ގަޑިތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދިއްދޫ ކައުންސިލުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ދިއްދޫއަކީ ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށް ވުމާއެކު، އަތޮޅުގެ އެކި ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު އެކި ބޭނުންތަކުގައި އެ ރަށަށް އަބަދުވެސް ޒިޔާރަތްކުރެއެވެ. އެހެންކަމުން އަލަށް ހުޅުވުނު މި ޕާކުގެ ސަބަބުން، ދިއްދޫގެ ރައްޔިތުންގެ އިތުރުން އެ ރަށަށް ޒިޔާރަތްކުރާ އާއިލާތަކާއި ކުޑަކުދިންނަށް ވެސް ހިތްފަސޭހަ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.