އޭޝިއާ ސެންޓަރ ފޯރ އެންޓަޕްރެނުއަރޝިޕުން ދޭ "އޭޝިއާސް ބެސްޓް އެންޓަޕްރެނުއަރ ފިލެންތްރޮޕިސްޓް 2026" އެވޯޑު، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް (ނ.މ.ޝ.ޢ)ގެ ވެރިޔާ އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) ޤާސިމް އިބްރާހީމަށް އަރުވައިފިއެވެ.
މި އެވޯޑު އެމަނިކުފާނަށް އަރުވާފައިވަނީ ވިޔަފާރިއާއި އިޖުތިމާޢީ ދީލަތި އެހީތެރިކަމުގެ ދާއިރާއަށް ކޮށްދެއްވާފައިވާ ފާހަގަކޮށްލެވޭ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން މީސްމީޑިއާގައި ހާމަކުރި ގޮތުގައި، މި އެވޯޑު ދިނުމަށް ބޭއްވި ޚާއްޞަ ޙަފުލާގައި ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ޑރ. މަރިޔަމް ޝަބީނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ޙަފުލާގައި ޑރ. ޤާސިމް އިބްރާހީމްގެ ފަރާތްޕުޅުން މި އެވޯޑާ ޙަވާލުވެވަޑައިގެންނެވީ އެމަނިކުފާނުގެ ދަރިކަލުން ޢުމަރު އަރުކާން ޤާސިމެވެ.
މި ޙަފުލާގައި، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ތުން ޑރ. މަހާތީރު މުޙައްމަދުގެ އަގުވަޒަންކޮށް ޚާއްޞަ ލަޤަބެއް ވެސް ވަނީ އަރުވާފައެވެ. އެގޮތުން ޑރ. މަހާތީރަށް އަރުވާފައިވަނީ މެލޭޝިއާގެ "ފާދަރ އޮފް އެންޓަޕްރެނުއަރޝިޕް ޑިވެލޮޕްމަންޓް" ގެ ޝަރަފުވެރި ލަޤަބެވެ.
މި އެވޯޑު ޙާޞިލުކުރެއްވި ޤާސިމް އިބްރާހީމަކީ ރާއްޖޭގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާގައި ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 1976 ވަނަ އަހަރު އާދައިގެ ވިޔަފާރިއަކުން ފަށްޓަވައި، އުފެއްދެވި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުންޏަށް ހައްދަވާފައެވެ. މީގެއިތުރުން ފަތުރުވެރިކަން ފުޅާކުރެއްވުމަށް ގިނަ ރިސޯޓުތަކެއް ތަރައްޤީކުރައްވައި، މާމިގިލީ އެއަރޕޯޓާއި "ފްލައިމީ" އެއަރލައިން ޤާއިމުކުރައްވައި، އެމަނިކުފާނުގެ ކުންފުނިތައް މެދުވެރިކޮށް އެތައް ހާސް ދިވެހީންނަށް ވަޒީފާގެ ފުރުޞަތު ވަނީ ތަނަވަސްކޮށްދެއްވާފައެވެ.High Commissioner H.E. Dr. @Mariyam_Shab attended the award ceremony organised by the Asia Centre for Entrepreneurship, where former Prime Minister of Malaysia, Tun Dr. Mahathir Mohamad, was conferred the title of Father of Entrepreneurship Development, Malaysia. The ceremony honoured Hon. Dr. Qasim Ibrahim with the Asia’s Best Entrepreneur Philanthropist 2026 Award, in recognition of his outstanding contributions to entrepreneurship and philanthropy. The award was received on his behalf by his son, Mr. Umar Arkan Qasim.
— Maldives in Malaysia (@MDVinMalaysia) November 26, 2026
ވިޔަފާރީގެ އިތުރުން އިޖުތިމާޢީ އަދި އިންސާނީ އެހީތެރިކަމުގެ ދާއިރާގައި ވެސް ޤާސިމް ވަނީ ފާހަގަކޮށްލެވޭ އެތައް މަސައްކަތްތަކެއް ކުރައްވާފައެވެ. ރާއްޖޭގައި އާސަންދަ ފަދަ ސްކީމްތައް ތަޢާރަފުވުމުގެ ކުރިން، ބޭސްފަރުވާއަށް ބޭނުންޖެހިފައިވާ އެތައް ސަތޭކަ ދިވެހީންނަށް ރާއްޖެއިން ބޭރުން ފަރުވާ ލިބޭނެ އިންތިޒާމާއި މާލީ އެހީ ފޯރުކޮށްދެއްވިއެވެ. އަދި ވިލާ ފައުންޑޭޝަން މެދުވެރިކޮށް ގިނަ ދަރިވަރުންތަކަކަށް މަތީ ތަޢުލީމުގެ ސްކޮލަރޝިޕާއި ލޯނު ދެއްވުމުގެ އިތުރުން، ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ކޮލެޖް ކަމަށްވާ ވިލާ ކޮލެޖް އުފެއްދެވިއެވެ. ހަމައެއާއެކު ރަށްރަށުގެ މިސްކިތްތަކާއި، ސްކޫލްތަކާއި، ބަނދަރުތައް ފަދަ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް އަމިއްލަ ޚަރަދުގައި އެމަނިކުފާނު ވަނީ ހިންގަވައިދެއްވާފައެވެ.
ޤައުމީ އަދި ސިޔާސީ ދާއިރާގައި ވެސް ޤާސިމް ވަނީ މުހިންމު ޚިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން 2008 ވަނަ އަހަރު ތަޞްދީޤުކުރި ފެހި ޤާނޫނުއަސާސީ އެކުލަވާލި ޚާއްޞަ މަޖިލީހުގެ ރައީސްކަން ކުރައްވައި، އެ މަސައްކަތް ނިންމެވުމުގައި އެމަނިކުފާނު އިސް ދައުރެއް އަދާކުރެއްވިއެވެ. މީގެއިތުރުން މާލީ ވަޒީރުކަމާއި، ދާޚިލީ ވަޒީރުކަމާއި، އެމް.އެމް.އޭގެ ގަވަރުނަރުކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި މެންބަރުކަން ވެސް އެމަނިކުފާނު ވަނީ އަދާކުރައްވާފައެވެ. ދިވެހި ޤައުމަށް ކޮށްދެއްވި މިފަދަ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 2025 ވަނަ އަހަރު ދައުލަތުން ވަނީ ދިވެހި ދައުލަތުގެ އެންމެ މަތީ ޝަރަފުތަކުގެ ތެރޭގައި ހިމެނޭ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އެމަނިކުފާނަށް އަރުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!