ބަންޑާރަ ގޯތި ބައިކުރުމުގެ ތެރެއިން ގޯތީގެ ތެރެއިން ނެގޭ ގޯޅިތަކުގައި ދޮރު ހަރުކޮށްގެން ބަންދުކުރުމަކީ މަނާކަމެއް ކަމަށް ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހަނދާންކޮށްދީ، އެކަން އެގޮތަށް ނުކުރުމަށް އަންގައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިކަން ހާމަކޮށްފައިވަނީ، ބަންޑާރަ ގޯތިތައް ބައިކުރުމުގެ މަރުހަލާގެ ތެރެއިން ނެގޭ ގޯޅިތަކުގައި ބައެއް ފަރާތްތަކުން އަމިއްލައަށް ދޮރު ހަރުކޮށްގެން ބަންދުކުރަމުންދާކަން ފާހަގަކުރެވިގެންނެވެ.
މިކަމާ ގުޅިގެން އެ ކައުންސިލުން ބުނީ، ގޯތި ބައިކުރުމުގެ މަރުހަލާގައި ދޫކުރެވޭ އެފަދަ ގޯޅިތަކަކީ ދައުލަތުގެ މިލްކުވެރިކަމުގެ ދަށުގައިވާ ތަންތަން ކަމަށެވެ. އެހެންކަމުން، އެއީ އަމިއްލަ ބޭނުމަށް ބަންދުކޮށް ހިސޯރުކުރެވޭނެ ތަންތަން ނޫން ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
އެ ކައުންސިލުން އިތުރަށް ހާމަކުރި ގޮތުގައި، މިގޮތަށް ނެގޭ ގޯޅިތަކަކީ އާންމުކޮށް އެންމެންނަށް ވެސް ހަމަހަމަކަމާއެކު ބޭނުންކުރެވޭ ގޮތަށް އޮންނަ ބަންޑާރަ ގޯޅިތަކެކެވެ. އެހެންކަމުން އެއްވެސް ބަޔަކަށް އެ ގޯޅިތަކުން އާންމުންނަށް ހުރަސްއެޅޭނެ ފަދަ ގޮތަކަށް އަމަލެއް ނުކުރެވޭނެއެވެ.
މީގެއިތުރުން، ގޯތި ބައިކޮށްގެން ނެގޭ އެފަދަ ގޯޅިތަކާމެދުވެސް އަމަލުކުރަމުންދާނީ އާންމު އެހެން މަގުތަކާއި ގޯޅިތަކެކޭ އެއް އުސޫލަކުން ކަމަށް ވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.
އެހެންކަމުން، ގޯތި ބައިކޮށްގެން ނެގޭ ބަންޑާރަ ގޯޅިތައް އަމިއްލަ ފަރާތްތަކުން ދޮރު ހަރުކޮށްގެން ބަންދުކޮށްގެން ނުވާނެ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!