ހަކަތަ އިގްތިސާދުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ "ސޭވް އެނާރޖީ" ކެމްޕެއިން "ކުޑަ ބަދަލަކުން ބޮޑު ނަތީޖާއެއް" ގެ ނަމުގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު، އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން މި ހަރަކާތް ފަށާފައިވަނީ އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގައި އާންމުކޮށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ސެޝަނުގައެވެ.

ކެމްޕެއިން އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެމްޑީ ޑރ. އަލީ އަޒުވަރު ވިދާޅުވީ، މިއަދަކީ ސްޓެލްކޯގެ ތާރީޚުގައި މުހިންމު ފިޔަވަޅެއް އެޅުނު ދުވަހެއް ކަމަށެވެ. އަދި މިއީ ހަމައެކަނި ޝިއާރެއް ނޫން ކަމަށާއި، ގައުމީ ފެންވަރުގައި އެންމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހިފައިވާ ނުހަނު ބޭނުންތެރި ހެޔޮ ބަދަލެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޑރ. އަޒުވަރު ވިދާޅުވީ ދިރިއުޅުމުގެ ކޮންމެ ކަމެއް ކަރަންޓުގެ ހިދުމަތާ ގުޅިލާމެހިފައިވާއިރު، އިސްރާފުކުރުމެއް ނެތި ކަރަންޓު ބޭނުންކުރުމަކީ ގައުމުގެ އިގްތިޞާދަށާއި ތިމާވެއްޓަށްޓަކައި ކޮންމެހެން ކަށަވަރުކުރަންޖެހޭ ކަމެއް ކަމަށެވެ. މީގެއިތުރުން ކަރަންޓު އިގްތިސާދު ކުރުމަކީ ހަމައެކަނި މަހު ބިލަށް އަރާ އަދަދު ކުޑަކުރުން ނޫން ކަމަށާއި، އެއީ ގައުމުން ތެލަށް ކުރާ ބޮޑު ހޭދަ ކުޑަކޮށް، ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދުކޮށް، އަންނަން އޮތް ޖީލުތަކަށްޓަކައި ގުދުރަތީ ވެށި ރައްކާތެރިކުރުން ކަމަށްވެސް ވިދާޅުވިއެވެ.

މި ކެމްޕެއިންގެ މައިގަނޑު މަގުސަދަކީ ކަރަންޓު ބޭނުންކުރުމުގައި ޒިންމާދާރު އާދަތަކެއް މުޖުތަމައުގައި އަށަގެންނެވުމެވެ. އެގޮތުން ބޭކާރު ގޮތުގައި ދިއްލާފައި ހުންނަ ބޮކިތައް ނިއްވާލުމާއި، ގިނަ ވަގުތުތަކަކަށް ބޭރަށްދާނަމަ އޭސީ ނިއްވާލުމަކީ މުޅި ގައުމުގެ ހަކަތައިގެ ރައްކާތެރިކަމަށް ވެވޭ ބޮޑު އެހީތެރިކަމެއްކަން ހަނދާންކޮށްދީ، ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަކަތަ އިގްތިސާދުކުރެވޭނެ މަގުތައް ރައްޔިތުންނަށް ދައްކުވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ކެމްޕެއިނަކީ ހަމައެކަނި މާލެއަށް ނުވަތަ ވަކި ސަރަހައްދަކަށް ޚާއްސަ ހަރަކާތެއް ނޫންކަން ފާހަގަކުރައްވަމުން އެމްޑީ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނާ ހަމަޔަށް މި ކެމްޕެއިންގެ ސެޝަންތަކުގެ ތެރެއިން ވާސިލްވާނެ ކަމަށެވެ. އަދި ހަމައެކަނި ވާހަކަތަކެއް ދައްކާލުމުގެ ބަދަލުގައި، ގައުމީ ފެންވަރުގައި ކަރަންޓު އިސްރާފުކުރުން ބޮޑުތަނުން ދަށްކުރެވި، އަތުން ހިފޭ ފަދަ ހަގީގީ ނަތީޖާއެއް ނެރުމަކީ މި މަސައްކަތުގެ އަމާޒު ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ އަމިއްލަ ގޭބިސީންނާއި މަސައްކަތުގެ މާހައުލުން ހަކަތަ އިގްތިސާދުކުރުމުގެ އާދަ ފެށުމުގައި އެންމެހައި ރައްޔިތުން ބައިވެރިވުމަށް ގޮވާލައްވާފައެވެ.