ހއ. އުތީމު ގަނޑުވަރު ސަރަޙައްދު ލޭންޑްސްކޭޕްކޮށް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އުތީމު ކައުންސިލުން އަލުން އިޢުލާންކޮށްފިއެވެ.

މި މަސައްކަތް އަލުން އިޢުލާންކުރީ، މީގެ ކުރިން މަސައްކަތް ޙަވާލުކުރެވުނު ފަރާތާއެކު ވެފައިވާ އެއްބަސްވުން ބާޠިލްކުރުމާ ގުޅިގެންނެވެ.

އުތީމު ކައުންސިލުން ބުނީ، މިއަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހު ކުރި އިޢުލާނާ ގުޅިގެން މަސައްކަތް ޙަވާލުކުރި ފަރާތުގެ އެގްރީމަންޓް ބާޠިލްކޮށްފައިވާތީ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑު ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ބިޑްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 ޑިސެންބަރު 1 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށް info@utheem.gov.mv އަށް އީމެއިލް ކުރުމަށް އެ ކައުންސިލުން އެދިފައިވެއެވެ. މި މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެ ކަމަށްވެސް ކައުންސިލުން ފާހަގަކުރެއެވެ.

މި ބީލަމަށް ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަން ފޮތާއި، ބިޑު ހުށަހަޅާ ފޯމާއި، މަސައްކަތުގެ ތަފްޞީލީ ކުރެހުންތަކުގެ އިތުރުން ބީ.އޯ.ކިއު ޙިއްޞާކުރެވޭނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ ރަޖިސްޓްރޭޝަން މުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް އެކަން ހުށަހެޅުމަށްވެސް އެދިފައިވެއެވެ.

މި މަޝްރޫޢުގެ ބިޑް ހުށަހެޅުން އޮންނާނީ 2026 ޑިސެންބަރު 8 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގައި ހއ. އުތީމު ކައުންސިލްގެ އިދާރާގައެވެ.

ބިޑު ހުށަހަޅާއިރު ބީލަން ފޯމާއި، އެސްޓިމޭޓާއި، ޕްރޮފައިލްގެ އިތުރުން ކުންފުނީގެ ރަޖިސްޓްރީ، ޖީ.އެސް.ޓީ ރަޖިސްޓްރީ، ޓެކްސް ކްލިއަރަންސް އަދި އެސް.އެމް.އީ ރަޖިސްޓްރީ ކޮންމެހެން ހުށަހަޅަންޖެހޭނެއެވެ. އަދި ހުށަހަޅާ ޖުމުލަ އަގު 500،000 ރުފިޔާއަށްވުރެ މަތިވާނަމަ، ޖުމުލަ އަގުގެ %1 ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެ ކަމަށްވެސް އުތީމު ކައުންސިލުން ބަޔާންކޮށްފައިވެއެވެ.