މި އަހަރުގެ މަސްވެރިންގެ ދުވަހާގުޅިގެން، "މާމަކުނުދޫ މަސްރޭސް 2026" ގެ ނަމުގައި ހދ. މަކުނުދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ކައުންސިލުން ޢާންމުކޮށްފައިވާ މަސްރޭހުގެ ޤަވާއިދުގައިވާ ގޮތުން، މި މުބާރާތުގައި ކޮންމެ ދޯންޏަކުން ވެސް ބައިވެރިވެވޭނީ ގިނަވެގެން 5 މީހުން އަދި މަދުވެގެން 3 މީހުންނަށެވެ. އަދި މި މުބާރާތުގައި ހުއްދަކުރަނީ ހަމައެކަނި ނަނުގެ މަސްވެރިކަމާއި ދޮށީގެ މަސްވެރިކަން ކަމަށާއި، މި ނޫން ގޮތަކަށް މަސްވެރިކަންކޮށްފައިވާކަން އެނގިއްޖެނަމަ، އެޓީމެއް ޑިސްކޮލިފައި ކުރެވޭނެކަމަށް ވެސް އެ އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

Ad
rt

މީގެއިތުރުން، ދިރޭ އެން ބޭނުން ކޮށްގެން މަސްބޭނިކަމުގައި ވިޔަސް، އަދި ޤާނޫނީ ގޮތުން ހިފުން ނުވަތަ ބޭނުން މަނާ، މަހުގެ އެއްވެސް ބާވަތެއް ގެނެސްފައިވާނަމަ، އެ ޓީމެއް ވެސް މުބާރާތުން ޑިސްކޮލިފައި ކުރެވޭނެކަމަށް މަކުނުދޫ ކައުންސިލުން ހާމަކޮށްފައިވެއެވެ. އަދި ހަމައެއާއެކު ސުންގަޑީގެ ފަހުން އަންނަ ޓީމުތައް ވެސް މުބާރާތުގެ ޤަވާޢިދާއެއްގޮތުގެ މަތިން ޑިސްކޮލިފައި ކުރެވޭނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އެ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، މި މުބާރާތުގައި އެ ޓީމަކުން ބާނާ މަސް އެ ޓީމަކަށް ލިބިދެވޭނެއެވެ.

މަކުނުދޫ ކައުންސިލުން އިންތިޒާމްކޮށްފައިވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 12 ޑިސެމްބަރ 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 6:00 އިން ރޭގަނޑު 20:00 އަށެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން ނަންނޯޓު ކުރުމުގެ ސުންގަޑިއަކީ 29 ނޮވެމްބަރ 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް، މަކުނުދޫ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވާ ލިންކް މެދުވެރިކޮށް މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމަށް އެ ކައުންސިލުން އެދިފައިވެއެވެ.

މަކުނުދޫ ކައުންސިލުން ހާމަކުރާ ގޮތުގައި މި މަސްރޭހުގައި ވަނަވަނައަށްދާ ޓީމުތަކަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން 1 ވަނަ ހޯދާ ޓީމަކަށް 6,500 ރުފިޔާ، 2 ވަނަ ޓީމަކަށް 3,500 ރުފިޔާ އަދި 3 ވަނަ ޓީމަކަށް 2,000 ރުފިޔާ ދިނުމަށް އެ ކައުންސިލުންވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން އެންމެ ބަރު މަސް ބޭނި ފަރާތަށާއި އެންމެ ގިނަ މަސް ބޭނި ފަރާތަށް، ކޮންމެ ފަރާތަކަށް 500 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ. އަދި ބައިވެރިވާ ކޮންމެ ޓީމަކަށް ހަދިޔާ ޕެކެއް ދެވޭނެކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

މި މުބާރާތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 9695777 ނަންބަރު ފޯނަށް ގުޅުއްވުމަށް މަކުނުދޫ ކައުންސިލުން އެދިފައިވެއެވެ.