ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ، ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުޙަބާ ކިޔަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ހުރަވީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައި، މީސްމީޑިއާގެ އެކްސް މަންސައިގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ހުރަވީ ދުވަހުގެ ތާރީޚީ ހާދިސާއަށް ގާތްގަނޑަކަށް ތިން ޤަރުނު ފުރެން ކައިރިވަމުން އަންނައިރު، މިއަދު ދުނިޔޭގެ ކަންކަން ހިނގަމުންދާ ގޮތާއި، މި ޒަމާނުގައި މިނިވަންކަން ދިފާޢުކުރަން ޖެހޭ ގޮތްތަކާމެދު ފުންކޮށް ވިސްނުން ވަރަށް މުހިންމެވެ. އަދި ތާރީޚުގެ ލޯގަނޑުން ފެންނަ މަންޒަރުތަކުން ފިލާވަޅު ލިބިގަނެ، ޤައުމުގެ މުސްތަޤްބަލުގެ މޫނު އުޖާލާކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ސިޔާސީ ޖަޒުބާތުތަކުގެ ކުރިޔަށް ޤައުމީ އިޚްލާޞްތެރިކަން ނެރެންޖެހޭ ކަމަށާއި، ޒާތީ އަރާރުންތަކުގެ މައްޗަށް މުޅި ޖަމާޢަތުގެ ބާއްޖަވެރިކަން އިސްކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިޔަށް ޤައުމީ ސަލާމަތާއި، ފުދުންތެރިކަމާއި، ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް އިސްކަންދޭންޖެހޭ ކަމަށްވެސް އެމަނިކުފާނު ބަޔާންކުރެއްވިއެވެ. އެ މެސެޖު ނިންމަވާލައްވަމުން ރައީސް ވަނީ ދިވެހި ޤައުމަށް ކުރިއެރުމާއި، ކާމިޔާބީއާއި، އާރޯކަމާއި ތާޒާކަން މިންވަރުކުރައްވައި، އަބަދުމެ މިނިވަންކަންމަތީ މި ވަޠަން ލެހެއްޓެވުން އެދި ދުޢާ ދަންނަވާފައެވެ.
ހުރަވީ ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ، މިނިވަންކަމާއި ސިޔާދަތު އަދި މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި ހިތްވަރުގަދަ ޖިހާދެއް ކުރައްވައި، މަލާބާރީންގެ ވަކިތަކުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޤައުމީ ބަޠަލު ދޮންބަންޑާރައިން، އައްސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީންގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އެދިވަޑައިގެންފައެވެ. ކ. ހުރައަށް އުފަންވެވަޑައިގެންނެވި ހުރަވީ ދަރިކޮޅުގެ ބާނީ ދޮންބަންޑާރައިންގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ހިޖުރީ ގޮތުން ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަސް ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު، މި ދުވަސް ރާއްޖޭގައި އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ ހިޖުރައިން 1400 ވަނަ އަހަރުގެ އޭޕްރީލް 18 ގައެވެ.ހުރަވީ ދުވަހުގެ މުނާސަބަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަޙްނިޔާ ދަންނަވަން. މިނިވަންކަމާއި ސިޔާދަތު އަދި މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި ހިތްވަރުގަދަ ޖިހާދެއް ކުރައްވާ، މަލާބާރީންގެ ވަކިތަކުން މިޤައުމު ސަލާމަތްކުރެއްވި ޤައުމީ ބަޠަލު ދޮންބަންޑާރައިން ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީންގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރު ކުރައްވާށި! ހުރަވީ ދުވަހުގެ ހާދިސާއަށް ގާތްގަނޑަކަށް ތިން ޤަރުނު ފުރެން ކައިރިވަމުން އަންނަ އިރު، މިއަދު ދުނިޔޭގެ ކަންކަން ހިނގާ ގޮތާއި، އަޅުގަނޑުމެން މިއަދު މިނިވަންކަން ދިފާޢުކުރަން ޖެހޭ ގޮތާ މި ކަންކަމަށް ފުންކޮށް ވިސްނުން ވަރަށް މުހިންމު. ތާރީޚުގެ ލޯގަނޑުން ދައްކާ މަންޒަރުން ފިލާވަޅު ލިބިގަނެ، މުސްތަޤްބަލުގެ މޫނު އުޖާލާކުރަން އެބަޖެހޭ. ސިޔާސީ ޖަޒުބާތަކުގެ ކުރިޔަށް ޤައުމީ އިޚްލާޞްތެރިކަން ނެރެން އެބަ ޖެހޭ. ޒާތީ އަރާރުންތަކުގެ ކުރިޔަށް ޖަމާޢަތުގެ ބާއްޖަވެރިކަން އިސްކުރަން އެބަ ޖެހޭ. ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިޔަށް ޤައުމީ ސަލާމަތާއި، ފުދުންތެރިކަމާއި، ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަންދޭން އެބަ ޖެހޭ. ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުޙަބާ ކިޔާން އެބަ ޖެހޭ. އޯގާވަންތަ ﷲ މި ގޮތުގައި އަޅުގަނޑުމެންނަށް ހެޔޮ ވިސްނުމާއި ތައުފީޤު ދެއްވާށި! ދިވެހި ޤައުމަށް ކުރިއެރުމާއި ކާމިޔާބީ ދެއްވާށި! އާރޯކަމާއި ތާޒާކަން ދެއްވާށި! މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުގެ އަބަދަށް ލަހައްޓަވާށި! އާމީން.
— Dr Mohamed Muizzu (@MMuizzu) November 13, 2026
ތާރީޚުން އެނގޭ ގޮތުގައި، ހިޖުރައިން 1166 ވަނަ އަހަރުގެ ޞަފަރު މަހުގެ 3 ވަނަ ދުވަހު (20 ޑިސެންބަރު 1752) މަލާބާރީން (ހޮޅިން) މާލެއަރައި ރާއްޖޭގެ ވެރިކަން ފޭރިގަތީ ދިވެހިންގެ ބަޔަކު ފޮނުވި ސިޓީއެއްގެ ސަބަބުންނެވެ. އެ ހާދިސާގައި އޭރުގެ ރަދުން އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން 3 ވަނަ ހައްޔަރުކޮށްގެން އިންޑިއާގެ ކަންނަންނޫރަށް ގެންދިޔައެވެ. މަލާބާރީންގެ އަނިޔާވެރި ވެރިކަމުގައި 3 މަހާއި 20 ދުވަސް ވޭތުވިފަހުން، މުލީގޭ ދޮންޙަސަން މަނިކުފާނު (ދޮންބަންޑާރައިން) އިސްވެ ހުންނަވައިގެން ދިވެހި ލަޝްކަރަކާއެކު ނުކުމެވަޑައިގެން ހަނގުރާމަކުރައްވައި، މަލާބާރީން ބަލިކުރައްވައި ރާއްޖެ މިނިވަންކުރެއްވީ 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހުގެ ރޭ (7 އޭޕްރީލް 1753) ގައެވެ.
ރާއްޖެ މިނިވަންކުރެއްވުމަށްފަހު، ދޮންބަންޑާރައިން ހިޖުރައިން 1173 ވަނަ އަހަރު (1759 މ.) ދިވެހިރާއްޖޭގެ ތަޚުތަށް އިސްވެވަޑައިގަތީ "އައްސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން" ގެ ނަންފުޅުގައެވެ. 7 އަހަރު ދުވަހު ރަސްކަން ކުރެއްވުމަށްފަހު އެމަނިކުފާނު އަވަހާރަވީ ހިޖުރައިން 1180 ވަނަ އަހަރުގެ ރަމަޟާން މަހުގެ 2 ވަނަ ދުވަހު (1 ފެބްރުއަރީ 1767) އެވެ. އެމަނިކުފާނު ފަސްދާނުލެވިފައިވަނީ މާލޭ ހުކުރު މިސްކިތުގެ ގޯތިތެރޭގައެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ޤައުމާއި ދީނުގެ ޙައްޤުގައި ޖިހާދުކުރެއްވި ބަޠަލުންގެ އަގުވަޒަންކޮށް، ދިވެހިންގެ ހިތްތަކުގައި ޤައުމިއްޔަތާއި މިނިވަންކަމުގެ ރޫޙު އާލާކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!