އިދިކޮޅު ފަރާތްތަކުން ވެރިރަށް މާލޭގައި މިރޭ ބޭއްވުމަށް ރާވަމުންދާ އެއްވުމާ ގުޅިގެން، އާންމުންނަށް ދަތިނުވާނޭހެން އެއްވުންތައް ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށާއި، ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއަދު މާލޭގައި ބޭއްވުމަށް ރާވަމުންދާ އެއްވުމާ ގުޅޭގޮތުން، އޭގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް އެއްވެސް ފަރާތަކުން ފުލުހުންނާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.

Ad
rt

މީގެއިތުރުން، އެ އެއްވުމުގެ ސަބަބުން އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން ވެސް އެއްވެސް މައުލޫމާތެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހިއްސާކޮށްފައި ނުވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށާއި، އެ އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް އެއްވުން އިންތިޒާމު ކުރާ ފަރާތްތަކަށް ފުލުހުން ވަނީ އަންގައިފައެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ، މިފަދަ އެއްވުންތަކަކީ އޭގެ ސަބަބުން މަގުމަތީގެ އާންމު ދަތުރުފަތުރަށާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން އެ އެއްވުން އެއްވެސް ފަރާތަކަށް ދަތިނުވާނޭހެން ގާނޫނީ އިމުގެ ތެރެއިން އިންތިޒާމު ކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެ އިލްތިމާސްކޮށްފައެވެ.

ހަމައެއާއެކު، އެ އެއްވުމުގައި ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ، އެފަދަ ކަންކަން ވަގުތުން ހުއްޓުވައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.