ނޭކުރެންދޫ އިން 50 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
ނޭކުރެންދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ވިދާޅުވީ، އެރަށުން މީހުން ދިރިއުޅުމަށްޓަކައި 2000 އަކަ ފޫޓާއި 3000 އަކަފޫޓާއި ދެމެދުގެ 50 ގޯތި ދޫކުރުމަށް އެ ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ކައުންސިލުން އެކަށައަޅާ ފާސްކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް އެދި ހުށައެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން މިމަހުގެ 28 ވާ އާދިއްތަ ދުވަހުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 13 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 12:00 ނިޔަލަށް ގޯއްޗަށް އެދޭ ފޯމް ހުށައެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި މުއްދަތުގައި ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ، ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން 12:00 އަށް ނޭކުރެންދޫ ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ. ފޯމެއްގެ އަގަކީ 10 ރުފިޔާއެވެ.
ފޯމް ބަލައިގަންނާނީ ފޯމާއި އެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތައް ހަމަކޮށް ފޯމް ހުށައެޅުމުން ކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ނޭކުރެންދޫ ކައުންސިލުން އެކުލަވާލާފައިވާ ''ހދ. ނޭކުރެންދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު'' ގައި ބުނެފައިވާ ގޮތުން މި ގޯތިތައް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ހަތް މެންބަރުންގެ ވަގުތީ ކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ. މި އޫސުލު ބުނާގޮތުން ގޯއްޗަށް އެދޭ މީހުންގެ ކިބައިގާ ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ގޯއްޗަށް އެދޭ ފަރާތަކީ ގޯއްޗަށް އެދުމަށް ޢިއުލާން ކުރުމުގެ ކުރިން އެރަށުގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ އެރަށުގެ ރަށްވެއްސަކަށް ވާންޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!