ރައްޔިތުންގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ބޭރުކޮށްފައިވާތީ، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރާޢީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕުން މޮސްޓާ ބޭރުކުރީ އޭނާ ދެއްކެވި ވާހަކައަކާއި ގުޅިގެން އިދާރީ ފިޔަވަޅެއް ގޮތުން ކަމަށް ބުނެ ކަމަށެވެ.
އޭގެ ފަހުން މޮސްޓާ ދެއްކެވި ޒާތުގެ އެތައް ވާހަކައެއް ބައެއް މެންބަރުން އެ ގްރޫޕްގައި ދައްކަވައިފިކަމަށް ރާޢީ ވިދާޅުވިއެވެ. ނަމަވެސް އެ މެންބަރުންނަށް ފިޔަވަޅުއަޅައި، ގްރޫޕުން ބޭރުކޮށްފައިނުވާއިރު، މޮސްޓާ އަށް އެ ފިޔަވަަޅު އަޅައި މިހާތަނަށް ވެސް އަލުން އެ ގްރޫޕަށް އެޑްކޮށްފައި ނުވާތީ ރާޢީ ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.
''މަޖިލިސް އިން ހަދާފައިވާ ވަޓްސްއަޕް ގުރޫޕްގައި ނޮޅިވަރަމް ދާއިރާގެ އިއްޒަތްތެރި މެމްބަރު ދެއްކެވި ވާހަކަފުޅެއްގެ ސަބަބުން އިދާރީ ފިޔަވަޅެއްގެ ގޮތުން ގުރޫޕުން ބޭރުކުރެވިފައިވާތާ އެތައްދުވަހެއް، އެއަށްފަހު އެޒާތުގެ ކިތައްމެ ވާހަކައެއް އެގްރޫޕްގައި ހިނގައިފި'' ރައްޔިތުންގެ މަޖިލިސް ޓެގް ކުރަށްވާ ރާޢީ ކުރެއްވި ޓްވީޓެއްގައި ވެއެވެ.
މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕްގައި ދައްކަވާފައި ހުންނަ މިފަދަ ބައެއް ވާހަކަތަކުގެ ސްކްރީންޝޮޓް ވެސް މީގެ ކުރިން ޢާންމުވެފައިވެއެވެ.
މެންބަރު މޮސްޓާއަކީ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. މަޖިލިސް ތަޅުމުގައި ވިޔަސް، މީސް މީޑިއާގައި ވިޔަސް، ޓީވީ ތަކުގައި ވިޔަސް އަދި މިނޫން ވެސް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ދައްކަވާ ވާހަކަ ތަކުގައި މޮސްޓާ ބަހުގެ ހަމަލާ އެންމެ ބޮޑަށް އަމާޒު ވަނީ ރައީސް ނަޝީދަށެވެ.
މިނިވަން މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މޮސްޓާ މީގެ ކުރިން ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޖަލްސާއަކުން ފެނިފައިވާއިރު، ފަހުން އިދިކޮޅު ޕީޕީއެމްގެ ޖަލްސާތަކުން ވެސް ވަނީ ފެނިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!