ރާއްޖޭގައި މިހާތަނަށް ހިންގި މަކަރާއި ހީލަތުގެ އެންމެ ބޮޑު މައްސަލާގައި ބީއެމްއެލްގެ އެކައުންޓަކަށް ފައިސާ ޖަމާވެފައިވެ، ބޭންކުން އަމަލުކުރި ގޮތުން ހައިކޯޓުގައި ބީއެމްއެލްއަށް ހޫނު ސުވާލުތަކެއް އަމާޒުވެއްޖެ އެވެ.
ޝީޝާގެ ތިން ހިއްސާދާރުންގެ ނަމުގައި އެސްބީއައިގައި އޮތް ޖޮއިންޓް އެކައުންޓަކުން 2011 ވަނަ އަހަރު، 18 މިލިއަން ރުފިޔާގެ ފޯޖް ލިޔުންތަކެއް ބޭނުންކޮށްގެން ޓްރާންސްފާކުރީ ބ. ތުޅާދޫ މާފަރިވާގޭ، އިބްރާހިމް ޝާހިދާއި އިތުރު މީހެއްގެ ނަމުގައި ބީއެމްއެލްގައި އޮތް ޖޮއިންޓް އެކައުންޓަކަށެވެ.
ޝާހިދުގެ މައްޗަށް ހައި ކޯޓުން މިހާރު ވަނީ ކުށް ސާބިތުވެފަ އެވެ. އެ މައްސަލާގައި މިދިޔަ އާދިއްތަ ދުވަހު ހައި ކޯޓަށް ބީއެމްއެލްގެ ވަކީލުންނާއި ބޭންކުގެ މުވައްޒަފަކު ހާޒިރުކުރީ ބައެއް މައުލޫމާތު ސާފުކުރުމަށެވެ.
ފައިސާ ޖަމާވި ޝާހިދު ޖޮއިންޓް އެކައުންޓްގެ ތަފްސީލުތަކެއް ދޭން ހައިކޯޓުން ކުރިން ފޮނުވި ސިޓީއަކުން ބީއެމްއެލްއަށް އެންގުމުން އެ ބޭންކުން ލިޔުމުން ޖަވާބު ދިނީ އެ މައުލޫމާތު ލިބޭނީ ކޯޓު އަމުރެއް ނެރުމުން ކަމަށެވެ. އެގޮތަށް ޖަވާބު ދިނީ ކީއްވެގެންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.
ބޭންކްގެ ވަކީލް ވިދާޅުވީ ގާނޫނު އޮތްގޮތުން އެ ފަދަ މައުލޫމާތެއް ދެވޭނީ ކޯޓު އަމުރަކުން ކަމަށާއި ސިޓީއަކުން އެދުނަސް ނުދެވޭނެ ކަމަށެވެ. ރައްދުގައި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ކޯޓެއްގައި ހިނގާ މައްސަލައެއްގައި ނަމަ، ވަކިން އަމުރެއް ނުނެރުނަސް، ކޯޓަކުން އެންގުމުން ބޭންކުން އެ މައުލޫމާތެއް ދޭންޖެހޭނެ ކަމަށެވެ.
"ގާނޫނުގައި އޮތްގޮތަށް ތި ބޭފުޅުން މައުލޫމާތު ނުދީ އަޅުގަނޑުމެންގެ މަސައްކަތްތަކަށް ހުރަސް އެޅޭތީ ހަގީގަތުގައި."
ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވި އެވެ.
ދެން ފެންމަތިވީ ބޭންކްގެ ލިޔުންތަކުގައި ނުބައިކޮށް ނަން ލިޔެފައި އޮތް މައްސަލަ އެވެ. ޝާހިދުގެ ފުރިހަމަ ނަމަކީ އިބްރާހިމް ޝާހިދު ކަމަށް ވިޔަސް، ބޭންކް ސްޓޭޓްމަންޓްގައި އޭނާގެ ނަމަކަށް އޮތީ މުހައްމަދު ޝާހިދު އެވެ. އެއީ ކިހިނެތް ދިމާވި ކަމެއްތޯ ސުވާލުކުރުމުން ބޭންކުގެ މުވައްޒަފު ބުނީ އެއީ އިދާރީ އޮޅުމެއް ކަމަށެވެ.
ޝާހިދުގެ ޖޮއިންޓް އެކައުންޓަށް 18 މިލިއަން ރުފިޔާ ޖަމާވުމުން އެހެން މީހެއްގެ އެކައުންޓަށް ޗެކްތަކެއް ބޭނުންކޮށްގެން ފައިސާ ޖަމާކުރި އެވެ. އޭގެ ތެރެއިން ހަތަރު މިލިއަން ރުފިޔާ ޖަމާކުރި ޗެކްގެ ނަމްބަރާއި ސްލިޕްގައި އޮތް ޗެކްގެ ނަމްބަރާއި ބޭންކްގެ ލިޔުންތަކުގައި އޮތް ޗެކް ނަމްބަރު ދިމަލެއް ނުވެ އެވެ.
"އެ ނުބައި ތި ބޭފުޅުންނަށް ފާހަގަ ނުވީ؟."
ބެންޗުން އެއްސެވި އެވެ.
ބޭންކްގެ މުވައްޒަފަށް އެ ސުވާލަށް ސީދާ ޖަވާބެއް ނުދެވުނެވެ.
ކުދިކުދި އަދަދުތަކުން މީހުން ފައިސާ ޖަމާކުރާއިރު ބީއެމްއެލްއިން ވަރަށް ބޮޑަށް ބަލާ ކަމަށާއި އެކަމަކު ހަތަރު މިލިއަން ރުފިޔާގެ ޗެކެއް ޖަމާކުރިއިރު އެކަން ނުބެލީ ކީއްވެގެންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. އެ ސުވާލަށް ވެސް އޭނާއަށް ޖަވާބެއް ނުދެވުނެވެ.
"ބޭންކުގެ ފަރުވާ ކުޑަކަމަށް ގަބޫލުކުރަން ތޯ.؟"
ފަނޑިޔާރު ނިޔާޒު ސުވާލު ކުރެއްވި އެވެ.
"އަޅުގަނޑަށް ކަނޑައެޅިކަން މިކަން ހިނގާފައި އޮތް ގޮތް ބަލާނުލާ އެއްޗެއް ދަންނަވަން ދަތި."
ބޭންކުގެ މުވައްޒަފު ބުންޏެވެ.
"އެހެންވީމަ ސިޓީ ފޮނުވާފައި އަޅުގަނޑުމެން މައުލޫމާތަށް އެދުނީ. އެކަމަކު ތި ބޭފުޅުންގެ ރެސްޕޮންސް ހުރިގޮތުން އަޅުގަނޑުމެން ތި ބޭފުޅުން މި ހާޒިރުކުރީ. ހާޒިރުކުރީމަ ތި ބޭފުޅުން ތި ވަޑައިގަންނަވަނީ ޖަވާބު ނުދެވޭ ކަހަލަ ގޮތަކަށް."
ފަނޑިޔާރު ވިދާޅުވި އެވެ.
ބޭންކްގެ މުވައްޒަފަށް ގިނަ ސުވާލުތަކަށް ޖަވާބު ނުދެވުމުން ފަނޑިޔާރު ވިދާޅުވީ ކޯޓުން އެދުނީ ބޭންކްގެ ލީގަލް މުވައްޒަފަކު ފޮނުވަން ކަމަށެވެ. އަދި ކޯޓުގައި ދައްކަން ޖެހެނީ ގާނޫނީ ވާހަކަ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!