ނަމާދު ޤާއިމް ކުރުމަށް އަމުރުކުރުން: ތަރުބިއްޔަތުގެ މުހިންމު ރުކުނެއް!

Kids namaadhu camp

އިސްމާޢީލް عليه السلام، އެކަލޭގެފާނުގެ އަނބިދަރީން ތަރުބިއްޔަތު ކުރެއްވި މަތިވެރި ތަރުބިއްޔަތަށް އިޝާރާތް ކުރައްވައި މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ.

وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ وَكَانَ عِندَ رَبِّهِ مَرْضِيًّا ‎(سورة مريم:55)

މާނައީ: [އަދި އެކަލޭގެފާނުގެ އަހުލުންނަށް (އެބަހީ: އަނބިދަރީންނަށް) ނަމާދު ޤާއިމް ކުރުމަށާއި، ޒަކާތް ދީ އުޅުމަށް، އެކަލޭގެފާނު އަމުރުކުރައްވާ ކަމުގައި ވިއެވެ. އަދި އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ ޙަޟްރަތުގައި، ރުއްސުން ލައްވައިފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ.]

އާޔަތުގައިވާ ފަދައިން، ނަމާދު ޤާއިމް ކުރުމަށާއި ޒަކާތް ދިނުމަށް އަމުރުކުރުމަކީ ތަރުބިއްޔަތުގެ މުހިންމު ރުކުނެކެވެ. އެހެނީ، ނަމާދަކީ ހުރިހާ ނުބައި ފާޙިޝް ކަންތަކުން އިންސާނާ ދުރުކޮށް ރައްކައުތެރިކޮށްދޭ ކަމެކެވެ. އަދި ހަމަ އެހެންމެ، ނަމާދަކީ، ޖިސްމާނީ ގޮތުން ވެސް އިންސާނާ ސާފު ތާހިރުކަން މަތީގައި ބަހައްޓާ ކަމެކެވެ.

އޭނާގެ ހަށިގަނޑާއި ފޭރާމާއި ދިރިއުޅޭ ތަން ވެސް ސާފު ތާހިރުކޮށް ބެހެއްޓުމަށް ނަމާދު ބާރުއަޅާނެއެވެ. އަދި ޒަކާތް ދިނުމުގެ ސަބަބުން އޭނާގެ މުދާ ތާހިރުވެގެންދެއެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ އެ މުދަލުގައި ބަރަކާތްލައްވައި، އޭނާއަށް މުދާ އިތުރު ކޮށްދެއްވައެވެ.

އިސްވެ އެ ދިޔައީ، ދުނިޔެވީ ނަޒަރަކުން ހުރި ފައިދާތަކެވެ. އުޚުރަވީ ގޮތުން ބަލާ އިރު، ނަމާދަކީ އެންމެ މުހިންމު އަޅުކަމެވެ. ޝަހާދަތުގެ ދެ ކަލިމައަށް ފަހު، އިސްލާމްކަމުގެ ދެވަނަ ރުކުނުގެ ގޮތުގައި ހިމެނޭ އަޅުކަމެވެ. ނަމާދަކީ ދީނުގެ ތަނބެވެ. ނަމާދު ކުރަންވާ ގޮތަށް އެ ނަމާދު ކުރާ މީހެއް ނަމަ، އޭނާ މާތް ﷲ އަށް ފުރިހަމަ ގޮތުގައި ތަޤްވާވެރިވާނެއެވެ.

އޭނާގެ ނަޒަރު އަބަދުވެސް ހުއްޓި ހުންނާނީ އާޚިރަތަށެވެ. ދުނިޔެވީ ފައިދާއަށްވުރެ ބޮޑަށް އޭނާ ބަލާނީ، އުޚުރަވީ ގޮތުން އޭނާއަށް ނަޖާތު ލިބޭނޭ ގޮތްގޮތަށެވެ. އަދި ދުނިޔެވީ ވަގުތީ އުފަލަށް ވުރެ، އާޚިރަތުގައި އޭނައަށް ލިބޭނޭ ދާއިމީ އުފަލަށެވެ. ދުނިޔެވީ އުފަލަކީ ވަގުތީ އެއްޗެއްކަން އޭނާ ދަންނާނެއެވެ. ޙަޤީޤީ އުފަލަކީ އުޚުރަވީ އުފާކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ.

އެހެންކަމުން، އިސްލާމްދީނުގައި ވަނީ ކުޑަކުދީންނަށް ހަތް އަހަރުވުމުން ނަމާދުކުރުމަށް އަމުރުކުރަން މައިންބަފައިންނަށް އަންގަވައިފައެވެ. އަދި، ދިހަ އަހަރު ފުރުމަށް ފަހު، ނަމާދު ކުރަން ދެކޮޅުހަދާ ނަމަ، އަދަބު ދީގެން ވެސް ނަމާދު ކުރުވުމަށް އަމުރުކުރައްވައިފައެވެ. މިއިން އެނގިގެންދަނީ ތަރުބިއްޔަތުގެ އެންމެ މުހިންމު އެއް ރުކުނަކީ، ކުދިންނަކީ ނަމާދު ޤާއިމްކުރުންމަތީ ދާއިމުވެ ތިބޭ ބައެއް ކަމުގައި ހެދުމަށް މަސައްކަތް ކުރުން ކަމެވެ.

ނަމާދަށް ފަރުވާކުޑަކުރާ މީހަކީ އޭނާގެ އެއްވެސް ހެވެއް ނެތް މީހެކެވެ. އޭނާ އެ ވަނީ، ނުރައްކާތެރި ޚުޠޫރަތްތެރި މަރުޙަލާއެއްގައެވެ. އޭނާއާ އެންމެ ކައިރިވެގެންވަނީ، ނަރަކައިގެ އަލިފާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެންކަމުން، ނަމާދާ ނުލައި ކުރެވޭ ތަރުބިއްޔަތަކީ ތަރުބިއްޔަތެއް ނޫނެވެ. އެއީ، ހަލާކެކެވެ. އެކަމުގެ ޒިންމާ މައިންބަފައިން ޤިޔާމަތް ދުވަހުން އުފުލަން ޖެހޭނެއެވެ.
ތަޙްރީމު ސޫރަތުގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވައިފައިވާ އާޔަތުގެ މާނައިގައިވެއެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަނބިދަރީން ނަރަކައިން ސަލާމަތްކުރާށެވެ. އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ..."

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *