ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސް އަށް މިއަދު ފުރާވަޑައިގަންނަވައިފި އެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ ނަޝީދު ސީޝެލްސްއަށް ކުރައްވާ މިދަތުރުފުޅަކީ، ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ރޮޖަރ މަންސިއެންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ރާއްޖެ އާއި ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއައްސަސާތަކުގެ އެހީގައި ދެ ގައުމުގެ ކުރިއެރުމަށް އިތުރަށް މަަސައްކަތް ކުރުމުގެ ފުރުސަތުތައް ފަހިކުރުމުގެ މުހިއްމުކަން ވެސް އެ ސިޓީފުޅުގައި ބަޔާން ކުރައްވާފައިވާ ކަމަށް މަޖިލިހުގެ އިދާރާ އިން ބުނެ އެވެ.
ނަޝިދު ފުރާވަޑައިގަންނަވާފައިވަނީ މިއަދުއެވެ. މި ދަތުރުފުޅަކީ މި މަހުގެ 28ވަނަ ދުވަހާ ހަމައަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރާތްކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާއެއެކު ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން މި ބައްދަލުވުމުގައި ދެ ގައުމުގެ ކުރިއެރުމަށް އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯބަލާ މަޝްވަރާ ކުރައްވާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!