ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއާއެކު އެ ގައުމުން ތެޔޮ ލިބުން ދަތިވެ، ރާއްޖެއަށް އޭގެ ބާރު ބޮޑުވެފައިވާ ކަމަށް އެމްއޭސީއެލުން ބުނެފިއެވެ.
އެމްއޭސީއެލް އާއި އެސްޓީއޯ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ، ޑިމާންޑް އުފެދުނީ ލަންކާގެ އެއާޕޯޓްތަކުން ފްލައިޓްތަކަށް ތެޔޮ ވިއްކުން ހުއްޓާލުމާ ގުޅިގެން ކަމަށެވެ.
އެގޮތުން، ކުރިން ދުވާލަކު 10،000 ލީޓަރު ވިއްކި މަތިންދާބޯޓުފަހަރަށް މިހާރު 40،000 ލީޓަރު ވިއްކަން ޖެހޭ ކަމަށާއި އެ ޑިމާންޑާ އެއްވަރަށް ތެޔޮ ފޯރުކޮށްދިނުމަކީ އެމްއޭސީއެލް އަށް ފަސޭހަ ކަމެއް ނޫން ކަމަށް ތޯހާ ވިދާޅުވިއެވެ.
"ސިލޯނުން ރިޓާން ހަދާ ގާތްގަނޑަކަށް ހުރިހާ ފްލައިޓަކުން މި އަންނަނީ މި ގައުމަށް ތެޔޮ ބަރުކުރަން. އިތުރަށް ވެސް ތެޔޮ އެބަ އަޅާ. ޑިމާންޑް ވަރަށް ބޮޑަށް އިތުރު. އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ އެއީ،" ތޯހާ ވިދާޅުވިއެވެ.
ތޯހާ ވިދާޅުވީ، ލަންކާއިން ތެޔޮ ހޯދުމަށް ދަތިތައް ކުރިމަތި ވެފައިވާތީ، ލަންކާ އެއާޕޯޓުތަކަށް ޖައްސާ ގިނަ ފްލައިޓުތަކަކަށް ވެސް ތެޔޮ ފޯރުކޮށްދޭން ޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އުފެދިފައިވާ ބޮޑު ޑިމާންޑާ އެއްވަރަށް ފްލައިޓުތަކަށް ތެޔޮ ފޯރުކޮށްދީ، ހާލަތު މެނޭޖްކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ތެލުގެ ޑިމާންޑް އިތުރުވެ އެމްއޭސީއެލުން ވަނީ އެއާލައިންތަކަށް ތެޔޮ ވިއްކާ ވަރު ލިމިޓް ކޮށްފައެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު ވިދާޅުވީ، ތެޔޮ ލިމިޓް ކުރަން ޖެހުނީ، ބައެއް ފަރާތްތަކުން ބޮޑެތި އަދަދުތަކުން ޖެޓްފިއުލް ގަންނާތީ ކަމަށެވެ.
އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ތެލުގެ ޝިޕްމަންޓް އައުމުގައި ވެސް ޑިލޭތަކެއް އުޅޭ ކަމަށެވެ. އެގޮތުން، އޯޑަރަށް ވުރެ ގިނައިން ތެޔޮ ބޭނުންވާތީ ކަމަށާއި ރަޝިއާ ހަނގުރާމައާއި މޫސުމުގެ ސަބަބުންވެސް ލަސްތަކެއް އުޅޭ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އަމްރު ވިދާޅުވީ، ތެލުގެ ބަފާ ސްޓޮކެއް އަބަދުވެސް ހުންނަ ކަމަށާއި ސްޓޮކް އައުން ތިން ހަތަރު ދުވަސް، ލަސްވިޔަސް މައްސަލަ ދިމާ ނުވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!