ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އާއި ގުޅުވައިގެން ކޮށްފައިވާ ތުހުމަތު ތަކުގެ ޙަޤީޤަތް ހާމަ ކޮށްދިނުމަށް ތުރާކުނު ކައުންސިލުން ގޮވާލައިފިއެވެ.

މިކަމާ ގުޅިގެން ތުރާކުނު ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ގުޅޭގޮތުން ފަތުރަމުންދާ ވާހަކަ ތަކަކީ އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި ފަތުރާ ދޮގު އިލްޒާމުތަކެއް ކަމަށް ދެކޭ ކަމަށެވެ.

Ad
rt

އަދި މެމްބަރު ސަލީމަށް ރައްދުވާ ގޮތަށް އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ އަމަލެއް ކޮށްފައިވާކަމަށް ތުހުމަތުކޮށް ބައެއް ނޫސްތަކުން ގެނެސްފައިވާ ޚަބަރަކީ އެއްވެސް އަސްލެއް އަދި އަސާސެއް ނެތް ކަމެއްގެ ގޮތުގައި އެ ކައުންސިލުން ދެކޭ ކަމަށްވެސް ތުރާކުނު ކައުންސިލުން ވަނީ ބުނެފައެވެ.

އެހެންކަމުން އެފަދަ ބޮޑެތި އިލްޒާމުތައް އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި އެ ދާއިރާގެ މެމްބަރުގެ އިސްތަށިފުޅުގައި އެޅުވުމަކީ ތުރާކުނު ކައުންސިލާއި ރައްޔިތުންވެސް ކަންބޮޑުވާ ކަމެއް ކަމަށް ތުރާކުނު ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ތުރާކުނު ކައުންސިލުން ވަނީ ދާއިރާގެ މެމްބަރުގެ ނަފްސުގެ ޙުރުމަތް ނެތިކޮށްލުމަށް އެއްވެސް އަސްލެއް އަދި އަސާސެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށާއި، މިވާހަކަތައް ފަތުރަމުންދަނީ މިނިވަން ނޫސްވެރިކަމުގެ އަސާސްތަކާ ޚިލާފަށް މުޖުތަމަޢު ފަސާދަ ކުރުމަށް ކަމަށްވެސް ބުނެފައެވެ.

އެހެންކަމުން މިފަދަ ޚަބަރުތައް މިންގަނޑުތަކުން ބޭރުގައި ނުފެތުރުމަށްވެސް ތުރާކުނު ކައުންސިލުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، މެމްބަރު ސަލީމްވެސް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވާ ގޮތަށް، އެ މައްސަލަ ތަޙުޤީޤުކޮށް ވީ އެންމެ އަވަހަށް ރައްޔިތުންނަށް ޙަޤީޤަތް ހާމަކޮށް ދިނުމަށްވެސް ކައުންސިލުގެ ފަސް މެމްބަރުން ސޮއިކުރައްވާ ތުރާކުނު ކައުންސިލުގެ އިއްތިފާޤުން ނެރުއްވި ބަޔާނުގައި އެދިފައިވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކާއި ގުޅިގެން، ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމަށް ތުހުމަތުކޮށް ބައެއް ނޫސްތަކުގައި ލިޔެފައިވާ ވާހަކަތައް ސަލީމްވެސް ވަނީ ދޮގުކުރައްވާފައެވެ.

އަދި އޭނާ ނުކުރައްވާ ކަމެއް އެއީ ނުކުރާކަމެއް ކަމަށް ސާބިތުކުރުމަށް ކުރެވޭނެ ކަމެއް ނެތް އިރު، އެފަދަކަމެއް ހިނގިކަމަށް ބުނާ ވީޑިއޯއެއް ނުވަތަ ފޮޓޯއްގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ފުލުހުންގެ މުއައްސަސާގެ ޒިންމާއެއްކަމުގައި ވެސް ސަލީމް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގައި ހޯރަފުށީގެ އިތުރުން ހިމެނެނީ ތުރާކުނާއި އުލިގަމެވެ.